17 Nov 2018, 18:12
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުތަރަމަ 100 ދުވަހުގެ ތެރޭގައި މުހިއްމު ކަންތައްތަކެއް ކުރެއްވުމަށް ވައުދުވެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށްފަހު ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މުހިއްމު ކަންތައްތަކެއް ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
"ފުރަތަމަ 100 ދުވަސް ނިމޭއިރު، ކަރަންޓުގެ އަގު ހެޔޮކުރެވޭނެ. ރާއްޖޭގައި ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ހުޅުވައިލެވޭނެ. ސުކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ފެށިގެންދާނެ،" ރައީސް އިބޫ ވިދާޅުވިއެވެ.
ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީ އަށް ހިލޭ ކިޔެވުމުގެ ފުރުސަތާއި ސްކޫލު ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސ އިބޫގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ކަންތަކެވެ. އެ ވައުދުފުޅުތަކަށް ބޭނުންވާ ފައިސާ ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވެސް ހިމަނައިފައެވެ. ކަރަންޓުގެ އަގު ހެޔޮކުރުމަށް ބޭނުންވާ ފައިސާވެސް ވަނީ ބަޖެޓުކޮށްފައެވެ.
މީގެ އިތުރުން ފަރުޟު ޙައްޖުގެ އަޅުކަމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭނޭ ގޮތްވެސް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ޕެންޝަން ފަންޑުގައި ހުރި ފައިސާ ހައްޖުގެ އަޅުކަމަށް ބޭނުންކުރުމަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ޖެހެއެވެ.
ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރާއްޖޭގެ މަސްކަނޑުތަކުގައި ބޭރުގެ ފަރާތްތަކުން މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުން ހުއްޓާލައްވާނެކަމަށް ރައީސް އިބޫ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދަނޑުވެރިކަން ކުރުމަށް ރާއްޖެ އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލައްވާނެ ކަމަށެވެ.
ތިމާވެށި ރައްކާތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި ރާއްޖެއިން އިސްދައުރެއް އަދާކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ދުނިޔެ ހޫނުވުމުން ތިމާވެށްޓަށް އަންނަ ބަދަލުތަކުން މި ދުނިޔެ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި، ދިވެހިރާއްޖެ ވެގެންދަނީ ޖަޒީރާ ޤައުމުތަކުގެ ލީޑަރަކަށް،"
އާ ވެރިކަމުގަިއ ގްރީން ޓެކްސްގެ ގޮތުގައި، ނެގާ ފައިސާ ހޭދަކުރާނީ ހަމައެކަނި ތިމާވެށި ޙިމާޔަތްކުރުމާ ގުޅުންހުރި މަސައްކަތްތަކަށް ކަމަށްވެސް ރައީސް އިބޫ ވިދާޅުވިއެވެ.
ސިއްހީ ދާއިރާ އަށް މުހިއްމު ކަމެއްގެ ގޮތުގައި ރައީސް އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި އިމަރޖެންސީގައި ފަރުވާ ދޭންޖެހޭ ފަރާތްތަކަށް ޚިދުމަތްދިނުމަށް އެއަރ އެމްބިއުލޭންސްގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދޭން ފަށާނެ ކަމަށެވެ. މީގެ އިތުރުން ސަރުކާރުގެ ހެލްތު އިންޝުއަރެންސް ސްކީމު އާސަންދައިގެ ދަށުން ނަފްސާނީ ބަލިތަކަށް ފަރުވާކުރެވޭނެ ކަމަށާއި "ނޭޝަނަލް މެންޓަލް ހެލްތް އިންސްޓިޓިއުޓް" އެއް އުފައްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ދަށުނން ކައުންސިލްތަކަށް ބާރު ދެއްވާނެ ކަމަށާއި ކައުންސިލްތައް މެދުވެރިކޮށް، އިތުބާރުހިފޭ ހައުސިން ނީޑް އެސެސްމަންޓެއް ހަދައި، ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢު ފެށޭނެކަމަށެވެ.
ކައުންސިލްތަކަށް ބާރުދިނުމަކިީވެސް ރައީސް އިބޫގެ އިންތިހާބީ ވައުދުފުޅެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދިވެހި ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސްގެ ހުވާކުރައްވާފައިވާއިރު، އެމަނިކުފާނު ހުވާކުރުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައިވެރިވެ ވަޑައިގަތެވެ. މީގެ އިތުރުން ސްރީލަންކާގެ ކުރީގެ ރައީސް ޗަންދްރިކާ މުރާރުތުންގަ އާއި އެކި ގައުމުތަކުގެ އިސް ޑިޕްލޮމޭޓުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، މުހައްމަދު ނަޝީދު އަދި ވަހީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.