ކޯލިޝަން ސަރުކާރު ވެރިކަމަށް ގެނައުމަށް ޓަކައި ހަތަރު ލީޑަރުން އެއްގަލަކަށް އެރުވީ އޭނާކަމަށް ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު ނާޒިމް މީގެ ކުރިން ދިރިއުޅުއްވަމުން ގެންދެވީ އިނގިރޭސިިވިލާތުގައި، އެގައުމުގެ ހިމާޔަތް ހޯއްދަވައިގެންނެވެ.

ނާޒިމް މިއަދު ރާއްޖެ ވަޑައިގެން މީޑިއާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމުގެ އިތުރުން ޔާމީންގެ ސަރުކާރުގެ ނިމުން ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ވެސް އޭނާ ކަމަށެވެ.

"މި މަސައްކަތުގެ ބިންގާ އެޅުނީ އަސްލު އަޅުގަނޑު ސިންގަޕޫރަށް ފޮނުވި ހިސާބުން. އަޅުގަނޑު ފާރިސް މައުމޫނާ އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުވާނެ ގޮތް، އަޅުގަނޑުގެ ހާޒިރުގައި އަޅުގަނޑު ބޭހަށް ސިންގަޕޫރުގައި ހުރި އިރު އަޅުގަނޑު ހަމަޖައްސައި ދިނިން. އެއީ މި ކޯލިޝަންގެ ބިންގާ އެޅިގެން ދިޔަ ހިސާބަކީ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ސިޔާސީ ގޮތުން ހުންނަވާނީ ފާރިޝްއާ އެކު ކަމަށެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާފައިވާ ނާޒިމް 25 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ މަކަރާއި ހީލަތުން ސަރުކާރުގެ ޕްރޮޖެކްޓެއް އޭނާ ކާމިޔާބު ކުރިކަން ޝަރީއަތަށް ސާތުވުމުންނެވެ. އޭގެ އިތުރުން ވެސް އޭނާގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ތިން ދައުވާއެއް ވެސް ކުރި އެވެ.

ނާޒިމްގެ ފަރާތުން އޭނާގެ ހުކުމް ރިވިއުކޮށްދިނުމަށް ސުޕްރީމް ކޯޓުގައި ވަނީ އެދިފަ އެވެ. ސުޕްރީމް ކޯޓުން އެކަމާ ގުޅިގެން ނެރުނު ވަގުތީ އަމުރެއްގައި ވަނީ ނާޒިމްގެ ހުކުމް ރިވިއުކޮށް ނިމެންދެން އޭނާގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް އަންގައިފަ އެވެ

"ކުށް ސާބިތު ނުވާނެކަން އެއީ ވަރަށް ބޮޑު ޔަގީންކަމެއް. އަޅުގަނޑަކީ އެއްވެސް ކުށެއް ކުރި މީހެއް ނޫން. އަޅުގަނޑަކީ ތަނަކަށް މަސައްކަތަށް އެސްޓިމޭޓް ލީކަމަށް ބުނާމީހެއް. ނުވެސް ލަން އަޅުގަނޑުގެ ކުންފުނީގެ މުވައްޒިފަކު ލީވެސް. އެހެންވީމާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ޒިންމާ ނަގަން ޖެހިގެން މިއުޅެނީ. އަނެއްހެން އަޅުގަނޑަށް މަގުމަތިން ގޮވާފައި 25 އަހަރަށް ހުކުމްކޮށްލީ." ނާޒިމް ވިދާޅުވި އެވެ.