ޕްރެމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު މެންޗެސްޓާ ސިޓީ އަތުން އެވަޓަން 2-0 ލަނޑުން ބަލިވި މެޗުގައި އިދިކޮޅު ޓީމުގެ ކެޕްޓަން ވިންސެންޓް ކޮމްޕަނީ އެވަޓަންގެ ޓިމް ކާހިލްއަށް ގަސްދުގައި އަނިޔާ ކުރުމަށް މަސައްކަތް ކުރިކަމަށް އެކުލަބުގެ ކޯޗު ޑޭވިޑް މޮޔޭސް ބުނެފިއެވެ.

ދެ ޓީމު ހަމަހަމައިގައި އޮއްވާ ކާހިލް އަށް ނުރައްކާތެރި ޓެކުލް އެއް ކުރުން މެންސިޓީގެ ޑިފެންޑަރު ކޮމްޕަނީއަށް ރީނދޫ ކާޑެއް ދައްކާފައި ވެއެވެ. އެ ޓެކުލްގެ ސަބަބުން ކާހިލް އަށް ލިބުނު އަނިޔާއާއި ގުޅިގެން އޭނާ ބޭލުމަށް ފަހު ބަދަލުގައި ފްރާންސްގެ ފޯވާޑް ލުއިސް ސަހާ އަރުވަންޖެހުނެވެ.
"ކޮމްޕަނީ ބޭނުންވީ ގަސްދުގައި ކަހިލް އަށް ގަސްދުގައި އަނިޔާކުރަން. އަހަރެމެން ނަށް މިމެޗުގައި ރެފްރީ ކަންތައް ބެހެއްޓި ގޮތް ވަރަށް ސާފުކޮށް ފެނިގެންދިޔަ. ކަހިލް އަށް މާބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވި ކަން އެއީ އަހަރެމެންގެ ނަސީބު." އެވަޓަންގެ ކޯޗު މޮޔޭސް ބުންޏެވެ.

މިމެޗުގައި ރެފްރީކަން ކުރި ވޯލްޑް ކަޕްގެ ފައިނަލުގައި ރެފްރީކަން ކުރި ހޮވާޑް ވެބް އެވެ. ވެބް އަށް މޮޔޭސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. "ޕެނަލްޓީ އޭރިޔާ ތެރެއިން ސާހާ އަށް ކޮމްޕަނީ ދިން ހަމަލާ އާއި މިކާ ރިޗާޑްސް އަށް ލިއޯން އޮސްމާން ދިން ހަމަލާ ވަރަށް އެއްގޮތް. ނަމަވެސް ކޮމްޕަނީ ގެ ފައުލަކީ ފައުލެއް ކަމަށް ނުބަލާ އެހަރެމެން ޓީމުގެ އޮސްމާން ދިން ހަމަލާ އަށް ވަނީ އޭނާ އަށް ކާޑެއް ދައްކާފަ." މޮޔޭސް ބުންޏެވެ.

މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުގައި އެވަޓަން އަށް ފަސް ރީނދޫ ކާޑު ދެއްކި އިރު، މެންސިޓީ އަށް ދައްކާފައިވަނީ އެންމެ ކާޑެކެވެ. އެއީ ކަހިލް އަށް ކޮމްޕަނީ ދިން ހަމަލާއާއި ގުޅިގެން ދެއްކި ކާޑެވެ.