އިންތިހާބީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު (އިބޫ) ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑީއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންފި އެވެ.

މިއީ މޯދީގެ ބޮޑުވަޒީރު ކަމުގައި އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ރާއްޖެއަކީ ފާއިތުވި ހަތަރު އަހަރާއި ބައިގެ ތެރޭގައި މޯދީ ވަޑައިނުގަންނަވާ ދެކުނު އޭޝިއާގެ ހަމައެކަނި ގައުމެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި، ޗައިނާއާ ގުޅުން ބަދަހިވެ، އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ކަމަށް ބުނާ އިރު، މޯދީ ރާއްޖެ ވަޑައިގަތުމަކީ އެ ގުޅުން ރަނގަޅުވާނެ ކަމުގެ ނިޝާނެއް ކަމަށް މާހިރުން ބުނެ އެވެ.

މިއަދު ރާއްޖެއަށް ފުރާވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ވިދާޅުވީ ދަތުރުފުޅުގެ ސަބަބުން ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި ރާއްޖެއަށް އުމްރާނީ، ސިއްހީ އަދި އިންސާނީ ވަސީލަތްތަކުގެ ދާއިރާ ތަރައްގީ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭން އިންޑިއާ ތައްޔާރަށް އޮތް ކަމަށް މޯދީ ވިދާޅުވި އެވެ.

މޯދީ ވަޑައިގަތުމުގެ ކުރިން އެމަނިކުފާނުގެ އެޑްވާންސް ޓީމެއް ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ރާއްޖެ ވަޑައިގެންފަ އެވެ.

އިބޫ ރައީސް ކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 17:00ގައި ގޮލޮޅު ރަސްމީ ދަނޑުގަ އެވެ.

އެ ރަސްމިއްޔާތަށް ވަޑައިގަންފައިވާ ބޭރުގެ އިސް ބޭފުޅުންގެ ތެރޭގައި، ލަންކާގެ ކުރީގެ ރައީސާ ޗަންދްރިކާ ބަންޑާރަނަޔަކަ ކުމަރަތުންގައާއި އެގައުމުގެ ފޮރިން މިނިސްޓަރު ޑރ. ސަރަތު އަމުނުގަމަ އަދި އެގައުމުގެ ސްޕޯޓްސް މިނިސްޓަރު ފައިޒަރު މުސްތަފާ ހިމެނިވަޑައިގަންނަވަ އެވެ. ޗައިނާއިން ރަސްމިއްޔާތަށް ފޮނުވަނީ އެގައުމުގެ ރައީސް ޝީ ޖިންޕިންގެ މަންދޫބެއްގެ ގޮތުގައި، އެގައުމުގެ މިނިސްޓާ އޮފް ކަލްޗާ އެންޓް ޓުއަރިޒަމް ލުއޯ ޝޫގަންގ އެވެ.