ޕީޕީއެމްއަށް ވަފާތެރި އެއްގޮތެއްގައި މިދިޔަ ފަސް އަހަރު ދެމި ތިބި މީހުންނަށް އެޕާޓީގެ ނަމުގައި މަޖިލިސް އިންތިހާބުގައި ވާދަކުރަން ޓިކެޓް ދޭން އެ ޕާޓީން ނިންމާފައިވާ ކަމަށް ޕާޓީގެ އިސް މީހަކު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައި ވަނީ އަންނަ މާޗު މަހު ގަ އެވެ.

މަޖިލިސް އިންތިހާބުގައި ޕީޕީއެމުން އަދި ކަންކަން ކުރިއަށް ގެންދާނެ ގޮތެއް އެޕާޓީން ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެ އެވެ. ޕީޕީއެމްގެ ކައުންސިލުގައި ވެސް އިންނަވާ އިސްކޮށް އުޅުއްވާ ބޭފުޅަކު 'ސަން' އަށް ވިދާޅުވީ އެޕާޓީގެ ޓިކެޓްތައް ޕާޓީއަށް ވަފާތެރިކަން މަތީ ދެމިތިބި މީހުންނަށް ދޭން ނިންމާފައިވާ ކަމަށެވެ.

"ޕާޓީގެ ހިދުމަތުގައި ތިބި ޕާޓީގެ ވަފާތެރިންނަށް އެބޭފުޅަކު ބޭނުންވާ މަޖިލިސްގެ ދާއިރާގެ ޓިކެޓް ޕީޕީއެމުން ދޭން ނިންމާފައިވަނީ." ޕީޕީއެމްގެ ކައުންސިލް މެމްބަރަކު ވިދާޅުވި އެވެ.

ބެލެވޭ ގޮތުން ފެށޭ ހަފްތާގެ ތެރޭގައި ޕީޕީއެމުން މަޖިލިސް ޓިކެޓްތަކާ މެދު ޕާޓީން ނިންމާފައިވާ ގޮތް އިއުލާނު ކުރާނެ އެވެ.

މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ހިމެނި ވަޑައިގަންނަވަ އެވެ.

ސަރުކާރު ކޯލިޝަނުން ވެސް މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ އިއުލާނު ކުރަމުންނެވެ. އެމްޑީޕީން މަޖިލިސް ޓިކެޓްތައް ދޭން ނިންމާނީ ޕްރައިމެރީއަކަށް ފަހު ކަމަށް ވާހަކަ ދެކެވެ އެވެ.