17 Nov 2018, 14:28
ވޮޝިންޓަން (ނޮވެމްބަރު 17): ސީއެންއެންގެ ރިޕޯޓަރު ޖިމް އަކޯސްޓާއަށް ވައިޓް ހައުސްއަށް ވަނުމުގެ ހުއްދަ އަލުން ދިނުމަށް އެމެރިކާގެ ކޯޓަކުން އަންގައިފި އެވެ.
ވައިޓް ހައުސްގައި އޮތް ޕްރެސް ކޮންފަރެންސެއްގައި އަކޯސްޓާ އާއި ރައީސް ޓްރަމްޕާ ދެމެދު އުފެދުނު ދެބަސްވުމަކާ ގުޅިގެން، ޓްރަމްޕްގެ ސަރުކާރުން ވަނީ ވައިޓް ހައުސްއަށް ވަނުމަށް އޭނާއަށް ދީފައިވާ ހުއްދަ އަތުލާފަ އެވެ.
ނަމަވެސް ސީއެންއެންއިން ވަނީ އެއީ އަކޯސްޓާގެ ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ.
އަދި އިއްޔެ ޑިސްޓުރިކްޓު ޖަޖް ޓިމޮތީ ކެލީ ވަނީ އެމައްސަލަ ބަލާ ނިމެންދެން، އަކޯސްޓާއަށް ވައިޓް ހައުސްއަށް ވަނުމަށް ދީފައިވާ ހުއްދަ ވަގުތީ ގޮތުން އަނބުރާ ދިނުމަށް އަމުރު ކުރައްވައިފަ އެވެ.
ކޯޓުގެ އެނިންމުމާ ގުޅިގެން ރައީސް ޓްރަމްޕް ވަނީ ވައިޓް ހައުސްގައި ރިޕޯޓަރުން އަމަލު ކުރަން ޖެހޭ ގޮތާ ބެހޭ ގަވާއިދުތަކެއް ތައާރަފް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
"ކޯޓުން ބުނީ [ރިޕޯޓަރުން] އަމަލު ކުރަން ޖެހޭ ގޮތާ ބެހޭ ގޮތުން ގަވާއިދުތަކެއް ހެދުމަށް. އަޅުގަނޑުމެން އެގަވާއިދުތައް ލިޔާނަން. އަދި [އަކޯސްޓާ] ގޯސްކޮށް އަމަލުކޮށްފި ނަމަ، އޭނާ [ވައިޓް ހައުސްއިން] ބޭރު ކުރާނީ ނުވަތަ ނޫސް ކޮންފަރެންސް ހުއްޓާލާނީ،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕްގެ ޕްރެސް ސެކްރެޓަރީ ސާރާ ސޭންޑާސް ވިދާޅުވި ގޮތުގައި އަކޯސްޓާގެ ހުއްދަ ސަސްޕެންޑު ކުރީ، ވައިޓް ހަައުސްގެ މުވައްޒަފެއްގެ ގަޔަށް އަކޯސްޓާ އަތް ލުމުންނެވެ. ނަމަވެސް އަކޯސްޓާ ވަނީ އެތުހުމަތު ދޮގުކޮށްފަ އެވެ.