އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރިޔާސަތާ ހަވާލުވެވަޑައިގަންނަވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނާމަލް ރާޖަޕަކްސަ ރާއްޖެ ވަޑައިގެންފިއެވެ.

ނާމަލްއަކީ ސްރީލަންކާގެ ޕާލަމެންޓުގެ މެމްބަރުކަންވެސް ކުރައްވާ ބޭފުޅެކެވެ.

އެނގިފައިވާ ގޮތުގައި އޭނާ ރާއްޖެ ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ.

ނާމަލްގެ އިތުރުން ރަސްމިއްޔާތަށް ސްރީލަންކާގެ ފަރާތުން ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސާ ޗަންދްރިކާ ބަންޑާރަނަޔަކަ ކުމަރަތުންގައާއި، އެގައުމުގެ ފޮރިން މިނިސްޓަރ ޑރ. ސަރަތު އަމުނުގަމަ އަދި އެގައުމުގެ ސްޕޯޓްސް މިނިސްޓަރު ފައިޒަރު މުސްތަފާ ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން ދުނިޔޭގެ 46 ގައުމަކުން 300 އަށް ވުރެ ގިނަ މަންދޫބުން މިއަދުގެ ރަސްމިއްޔާތުގއި ބައިވެރިވާނެއެވެ.

ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ ބޭރު ގައުމެއްގެ އެންމެ އިސް ބޭފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއެވެ.

  • ސައުދީ ރަސްގެފާނުގެ މުސްތަޝާރު، ޕްރިންސް ޑރ. މަންސޫރު ބިން މިތާބު ބިން އަބްދުލްއަޒީޒު އާލް ސައުދު

  • ސީޝެލްސްގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ކެބިނެޓް އެފެއާޒް މުހައްމަދު އަފީފް
  • ދުބާއީގެ ވަލީއަހުދުގެ ދަރިކަލުން ޕްރިންސް ހަމްދާން ބިން މުހައްމަދު ބިން ޒައިދު އަލް ނަހްޔާން
  • ޕާކިސްތާނުގެ ސެނެޓުގެ ޗެއާމަން މުހައްމަދު ސޯދިގު ސަންޖްރާނީ
  • ފަލަސްތީނުގެ ފޮރިން މިނިސްޓަރު ޑރ. ރިޔާދު އަލް މާލިކީ
  • ސާބިއާގެ ރައީސްގެ ހާއްސަ މަންދޫބުގެ ގޮތުގައި އެގައުމުގެ ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރު ޒޮރަން ވުޔިޗް
  • ތުރުކީގެ ރައީސްގެ ޚާއްސަ މަންދޫބުގެ ގޮތުގައި އެގައުމުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ޔަވުޒް ސަލީމް ކިރަން
  • ޗައިނާގެ ރައީސްގެ ހާއްސަ މަންދޫބުގެ ގޮތުގައި އެގައުމުގެ ކަލްޗާ އެންޑް ޓޫރިޒަމް މިނިސްޓަރ ލުއޯ ޝުގަންގް
  • މޮރޮކޯގެ ރަސްގެފާނުގެ ހާއްސަ މަންދޫބުގެ ގޮތުގައި އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒް މުނިޔާ ބުސެޓާ
  • ސާކްގެ ސެކްރެޓަރީ ޖެނެރަލް އަމްޖަދު ހުސައިން ސިއާލް
  • އިންޓަ ޕާލަމެންޓްރީީ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް މާޓިން ޗުންގޮންގް

އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު އޮންނަ އިރު، އެ ރަސްމިއްޔާތުގައި ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމުގައިވާ މައުމޫން އަބްދުލްގައްޔޫމް، މުހައްމަދު ނަޝީދު އަދި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ބައިވެރިވެވަޑައިގަންނަވާނެކަމަށް ބެލެވެއެވެ.

އެހެން ނަމަވެސް މިއަދު ދައުރު ހަމަވާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވާނެކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ އިއްޔެ ވަނީ ވިދާޅުވެފައެވެ.