27 Sep 2011, 15:37
އިންޓަމިލާންގެ ހޮލެންޑް ޕްލޭމޭކާ ވެސްލޭ ސްނެއިޑާ ދިގު މުއްދަތަކަށް އަނިޔާގައި ހުންނަން ޖެހިދާނެތީ އެކުލަބާއި ހަވާލުވި އާ ކޯޗު ކްލައުޑިއޯ ރަނިއޭރީ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިޓާލިއަން ސެރިއާގައި މިދިޔަ ހޮނިހިރު ދުވަހު ބޮލޯނާ އަތުން 3-1 ލަނޑުން މޮޅުވި މެޗުގައި އަނިޔާގެ ސަބަބުން ސްނެއިޑާ ފެނިފައެއް ނުވެއެވެ. ބޮލޯނާ އަތުން އިންޓަމިލާން މޮޅުވި މެޗަކީ އެކުލަބު މިސީޒަނުގައި މޮޅުވި ފުރަތަމަ މެޗެވެ. ޗެމްޕިއަންސް ލީގުގައި މިރޭ ސީއެސްކޭ މޮސްކޯ އާ ދެކޮޅަށް އިންޓަމިލާން ކުޅޭ މެޗުގައި ވެސް ސްނެއިޑާ އެއް ނުފެންނާނެ އެވެ. އޭނާ ޓީމާއި އެކު މޮސްކޯއަށް ދަތުރުކޮށްފައެއް ނުވެއެވެ.
"މޮސްކޯ އަށް ކުރާ ދަތުރުގައި ސްނެއިޑާ ނެތުމަކީ ޓީމަށް ވަރަށް ބޮޑު އުނިކަމެއް ލިބޭނެ ކަމެއް. އަހަރެންނަށް މިހާރު އޮތް އެންމެ ބޮޑު ބިރަކީ ސްނެއިޑާ ދުވަސްތަކަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެތީ. ކުރިން އަނިޔާ އެހާ ސީރިއަސް ކަމަށް ނުދެއްކި ނަމަވެސް މިހާރު ދައްކަނީ އިތުރަށް ސީރިއަސް ކަމަށް. އަހަރެމެން ދެން އިނތިޒާރު ކުރަން ޖެހޭނީ ޑޮކްޓަރު ބުނާ އެއްޗަކަށް." އިންޓަމިލާނާއި ހަވާލުވި އާ ކޯޗު ރަނިއޭރީ ބުންޏެވެ.
މިސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުން ހޯދުމަށް މަސައްކަތްކުރި ސްނެއިޑާ، މިދިޔަ ސީޒަނުގައި އިންޓަމިލާނަށް ކުޅުނު 22 މެޗުން ހަތަރު ގޯލު ކާމިޔާބު ކޮށްދީފައި ވެއެވެ. ޗެމްޕިއަންސް ލީގުގައި މިރޭ ސީއެސްކޭއޭ މޮސްކޯ އާ ދެކޮޅަށް އިންޓަމިލާން ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައިވަނީ 11:45 ގައެވެ. މި މެޗު ކުޅޭނީ މޮސްކޯ ގައެވެ.