17 Nov 2018, 11:57
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބޭރުގެ 46 ގައުމަކުން 300 އަށް ވުރެ ގިނަ އިސް މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި ރަސްމިއްޔާތުގައި ބޭރު ގައުމެއްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ އިންޑިއާގެ ރައީސް ނަރެންދްރާ މޯދީއެވެ. މޯދީ މިހާރު ވަނީ ރާއްޖެ ވަޑައިގަތުމަށް ދަތުރުފުޅު ފައްޓަވާފައެވެ.
އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ އިތުރު ބޭފުޅުންގެ ތެރޭގައި، ސްރީލަންކާގެ ކުރީގެ ރައީސާ ޗަންދްރިކާ ބަންޑާރަނަޔަކަ ކުމަރަތުންގައާއި، ސީޝެލްސްގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ކެބިނެޓް އެފެއާސް މުހައްމަދު އަފީފް އިއްޔެ ވަނީ ރާއްޖެ ވަޑައިގެންފައެވެ.
މިއަދު ހަވީރު ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި އޮންނަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ އިތުރު ބޭފުޅުންގެ ތެރޭގައި ހިމެނެނީ:
ސައުދީ ރަސްގެފާނުގެ މުސްތަޝާރު، ޕްރިންސް ޑރ. މަންސޫރު ބިން މިތާބު ބިން އަބްދުލްއަޒީޒު އާލް ސައުދު
- ދުބާއީގެ ވަލީއަހުދުގެ ދަރިކަލުން ޕްރިންސް ހަމްދާން ބިން މުހައްމަދު ބިން ޒައިދު އަލް ނަހްޔާން
- ޕާކިސްތާނުގެ ސެނެޓުގެ ޗެއާމަން މުހައްމަދު ސޯދިގު ސަންޖްރާނީ
- ސްރީލަންކާގެ ފޮރިން މިނިސްޓަރު ޑރ. ސަރަތު އަމުނުގަމަ
- ފަލަސްތީނުގެ ފޮރިން މިނިސްޓަރު ޑރ. ރިޔާދު އަލް މާލިކީ
- ސްރީލަންކާގެ ސްޕޯޓްސް މިނިސްޓަރު ފައިޒަރު މުސްތަފާ
- ސާބިއާގެ ރައީސްގެ ހާއްސަ މަންދޫބުގެ ގޮތުގައި އެގައުމުގެ ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރު ޒޮރަން ވުޔިޗް
- ތުރުކީގެ ރައީސްގެ ޚާއްސަ މަންދޫބުގެ ގޮތުގައި އެގައުމުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ޔަވުޒް ސަލީމް ކިރަން
- ޗައިނާގެ ރައީސްގެ ހާއްސަ މަންދޫބުގެ ގޮތުގައި އެގައުމުގެ ކަލްޗާ އެންޑް ޓޫރިޒަމް މިނިސްޓަރ ލުއޯ ޝުގަންގް
- މޮރޮކޯގެ ރަސްގެފާނުގެ ހާއްސަ މަންދޫބުގެ ގޮތުގައި އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒް މުނިޔާ ބުސެޓާ
- ސާކްގެ ސެކްރެޓަރީ ޖެނެރަލް އަމްޖަދު ހުސައިން ސިއާލް
- އިންޓަ ޕާލަމެންޓްރީީ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް މާޓިން ޗުންގޮންގް
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ހުވާކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، މިރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި އޮންނަ ހާއްސަ ޖާފަތުގައި މި ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވާނެއެވެ.
އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު އޮންނަ އިރު، އެ ރަސްމިއްޔާތުގައި ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމުގައިވާ މައުމޫން އަބްދުލްގައްޔޫމް، މުހައްމަދު ނަޝީދު އަދި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ބައިވެރިވެވަޑައިގަންނަވާނެކަމަށް ބެލެވެއެވެ.
އެހެން ނަމަވެސް މިއަދު ދައުރު ހަމަވާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވާނެކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ އިއްޔެ ވަނީ ވިދާޅުވެފައެވެ.