17 Nov 2018, 12:28
މިހާރު ދައްކަމުން އަންނަ 'ތަގްސް އޮފް ހިންދުސްތާން' އިން އާމިރު ޚާނަށް ލިބެންޖެހޭ ޕްރޮފިޓް ޝެއާގެ މިންވަރު ނުނަގަން އޭނާ ނިންމައިފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ފިލްމުގެ ފައިދާ އިން ލިބެން ޖެހޭ އެއްވެސް ހިއްސާއެއް ނުނަގަން އާމިރު ނިންމީ އެ ފިލްމަށް ލިބެމުން އަންނަ ފިނި ތަރުހީބުގެ ސަބަބުންނެވެ. އާމިރުގެ އިތުރުން އަމީތާބް ބައްޗަން، ފާތިމާ ސަނާ އަދި ކެޓްރީނާ ކައިފް ފެނިގެންދާ އެ ފިލްމަކީ އަހަރުގެ އެންމެ ބޮޑު އަދި ކާމިޔާބު ފިލްމަށް ވާނެ ކަމަށް ގިނަ ބަޔަކު ހީކުރި އެވެ.
އަދި ފިލްމު ރިލީޒްކުރި ދުވަހު 50 ކުރޯރުގެ އާމްދަނީއެއް ހޯދައި ބޮލީވުޑް ބޮކްސްއޮފީހުގެ ގިނަ ރެކޯޑުތަކެއް އާކުރި އެވެ. ނަމަވެސް ފިލްމު ބަލަން ދިޔަ ގިނަ މީހުންނަށް ފިލްމު އެއްވެސް ވަރަކަށް ކަމަކު ނުދިޔަ އެވެ. ބެލުންތެރިންނާއި ކްރިޓިކްސްގެ ފާޑުކިޔުންތަކާ އެކު ފިލްމު ބަލަން ދާ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް ދަށް ވަމުންނެވެ. ދިވާލީ އާއި ދިމާކޮށް ރިލީޒްކުރި އެ ފިލްމަށް މިހާތަނަށް ލިބިފައި ވަނީ 140 ކުރޯރު ރުޕީޒް އެވެ. ފިލްމު އުފެއްދީ 250 ކުރޯރަށް ވުރެ ބޮޑު ބަޖެޓަކުން ކަމަށް ވާއިރު، އެވަރުގެ އާމްދަނީއެއް ފިލްމަށް ލިބޭނެ ކަމަށް ލަފާނުކުރެވޭ ކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ ބުނެފަ އެވެ.