އެންމެ ފަހުން ބޮލީބުޑްގެ ކާމިޔާބު އެކްޓަރުން، އަމީތާބް ބައްޗަން އަދި ރިޝީ ކަޕޫރު އެކުގައި ފެނިގެން ދިޔަ ފިލްމު '102 ނޮޓް އައުޓް' ޗައިނާގައި ދައްކާ ގޮތަށް ހަމަޖެހިއްޖެ އެވެ. އުމޭޝް ޝުކްލާ ޑައިރެކްޓު ކޮށްފައިވާ އެ ފިލްމު ޗައިނާގައި ރިލީޒް ކުރާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. މި އަހަރުގެ މެއި މަހު އިންޑިއާ ގައި ރިލީޒް ކުރި އެ ފިލްމަށް އެކަށީގރންވާ ތަރުހީބެއް ލިބިގެން ދިޔައެވެ. ފިލްމުގައި އަމީތާބް އަދާކޮށްފައި ވަނީ 102 އަހަރުގެ މީހެއްގެ ރޯލެވެ. ރިޝީ ފެނިގެން ދިޔައީ އަމީތާބުގެ ދަރީގެ ރޯލުންނެވެ. ފިލްމުގައި ގެނެސްދީފައި ވަނީ އުމުރުން އެންމެ ދުވަސްވީ މީހާގެ ރެކޯޑު ހެދުމަށް އަމީތާބު ކުރާ މަސައްކަތެވެ. '102 ނޮޓް އައުޓް' އަކީ 1991 ވަނަ އަހަރު ރިލީޒްކުރި ފިލްމު 'އަޖޫބާ' އަށްފަހު އަމީތާބްއާއި ރިޝީ އެކުގައި ފެނިގެންދިޔަ ފުރަތަމަ ފިލްމެވެ. އަމީތާބްއާއި ރިޝީ ވަނީ 'ނަސީބް'، 'ކަބީ ކަބީ' އަދި 'އަމަރް އަކްބަރް އެންތަނީ' ފަދަ ފިލްމުތަކުގައި އެކުގައި މަސައްކަތް ކޮށްފަ އެވެ.