17 Nov 2018, 10:55
ޑިމޮކްރަސީގެ އުސޫލުތައް ދިފާއުކުރުމުގައި ފަހަގަކުރެވޭ މަސައްކަތް ކުރާ ފަރާތްތަކަށް ދޭ "ޑިފެންޑާ އޮފް ޑިމޮކްރަސީ އެވޯޑު"، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފަށް ލިބިއްޖެ އެވެ.
މި އެވޯޑަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މައްޗަށް އެކުލެވޭ ބައިނަލްއަގުވާމީ ޖަމިއްޔާ، ޕާލަމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން (ޕީޖީއެކްޝަން)އިން ދޭ އެވޯޑެކެވެ.
ޔޫކްރެއިންގެ ކިއޭވްގައި ބޭއްވި ޕީޖީއެކްޝަންގެ 40 ވަނަ އަހަރީ ފޯރަމްގެ ހަވާސާގައި ބޭއްވި ހަފްލާއެއްގައި، މަހުލޫފަށް ޑިފެންޑާ އޮފް ޑިމޮކްރަސީ އެވޯޑު ދިން އިރު، އެވޯޑާ ހަވާލުވެ މަހުލޫފް ވިދާޅުވީ ހުދުމުހުތާރު އެކި ސަރުކާރުތަކުން ހައްޔަރުކޮށްފައިވާ ސިޔާސީ ހައްޔަރީންނާއި، ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ކުރާ މީހުން ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.
މަހުލޫފް ޓްވިޓާގައި ވިދާޅުވީ އެ އެވޯޑު އޭނާ ހާއްސަކުރަނީ ރާއްޖޭގެ ޑިމޮކްރަސީ، ގާނޫނުގެ ވެރިކަން އަދި އިންސާނީ ހައްގުތައް ނެގެހެއްޓުމަށްޓަކައި މަސައްކަތްކުރި އެންމެންނަށް ކަމަށެވެ.
ޑިފެންޑާ އޮފް ޑިމޮކްރަސީ އެވޯޑު މީގެ ކުރިން ލިބިވަޑައިގެންފައިވާ ފަރާތްތަކުގެ ތެރޭގައި ޔަޒީދީ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގި ގަތުލުއާންމާ ދެކޮޅަށް އަޑު އުފުލި އެކްޓިވިސްޓު ލަމްޔާ ބަޝާރާއި، އދ.ގެ ކުރީގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ނަވަނެތަމް ޕިއްލޭއާއި، ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ އިންޑިއާގެ އެކްޓިވިސްޓް އަދި ނޯބެލް ސުލްހައިގެ އިނާމު ލިބިފައިވާ ކައިލާޝް ސަތިޔާތީވެސް ހިމެނެއެވެ.