ކެލިފޯނިޔާ (ނޮވެމްބަރު 17) : އެމެރިކާގެ ކެލިފޯނިޔާގެ ޖަންގަލިތަކުގައި އަނދަމުން ދާ އަލިފާނުގެ ސަބަބުން މަރުވި މީހުންގެ އަދަދު 63 އަށް އަރައި ގެއްލުނު މީހުންގެ އަދަދު 630 އަށް މައްޗަށް ގޮސްފި އެވެ. މީގެއިތުރުން އެތައް ހާސްބަޔަކު ވަނީ ފިހިފަ އެވެ.

އަލިފާންގަނޑު ނިއްވުމަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނީ މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ އަލްފާންގަނޑު އެމީހުންގެ ކާރުތަކާއި ގެތައް ވަށާލުމުގެ ސަބަބުން ސަލާމަތް ނުވެވުނު މީހުން ކަމުގަ އެވެ. ކެލިފޯނިޔާގައި މިހާރު އަނދަމުންދާ އަލިފާންގަނޑަކީ އެ ސްޓޭޓްގެ ތާރީޚުގައި ވެސް ހިނގި އަލިފާނުގެ އެންމެ ނުރައްކާތެރި ޙާދިސާ ކަމަށާއި އެ ޙާދިސާގައި ވިލެޖެއް އެއްކޮށް އަނދައިގެން ގޮސްފައިވާ ކަމަށާއި އެއީ 27،000 މީހުން ދިރިއުޅޭ ވިލެޖެއް ކަމަށް މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެ އެވެ. އަލިފާންގަނޑު ވަށާލުމުގެ ކުރިން އެވިލެޖްގެ އާންމުންގެ ގިނަ ބަޔަކު ވަނީ ރައްކާތެރިތަންތަނަށް ގެންގޮސްފަ އެވެ.

ކެލިފޯނިޔާގެ ޖަންގަލި ތަކުގައި އަނދަމުން ދާ އަލިފާނުގެ ތެރެއިން އެންމެ ބޮޑު އަލިފާންގަނޑު އުފެދުނީ ސެންފްރަންސިސްކޯ ގެ އުތުރުން 280 ކިލޯ މީޓަރު ދުރުގައިވާ ސިޔެރާ ފަރުބަދަތަކުގައިވާ ޖަންގަލިތަކުގަ އެވެ. މި އަލިފާންގަނޑުވަނީ ހޫނު ވަޔާއެކު އެތައް ސަތޭކަ އޭކަރަކަށް ފެތުރިފަ އެވެ. ކެލިފޯނިޔާގެ ޖަންގަލި ތަކުގެ ތިން ސަރަހައްދެއްގައި ތިން އަލިފާން އަނދަމުންދާއިރު ވައިހުރިގޮތުން އެތިން އަލިފާންގަނޑުގެ ވެސް މިސްރާބު މިހާރު ވެސް ހުރީ މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދިމާއަށް ކަމަށް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ މަސްއޫލުވެރިން ވިދާޅުވެ އެވެ.

މީގެ ދެހަފްތާކުރިން ރޯވި އަލިފާންގަނޑުގެ ތެރެއިން އެއް އަލިފާންގަނޑު 300 އޭކަރުގެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ އިރު އަލިފާން ނިއްވުމަށް މަސައްކަތްކުރާ ފަރާތްތަކަށް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ. އަލިފާނުގެ ޙާދިސާއާ ގުޅިގެން ގެއްލިގައިވާ 630 މީހުންގެ ތެރެއިން ގިނަ ބަޔަކު މަރުވެފައިވުން އެކަށީގެންވާ ކަމަށް މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެ އެވެ. (ރޮއިޓާސް)