17 Nov 2018, 09:56
ޓެކްނޮލަޖީއާ އެކު މާލީ ދާއިރާއަށް ކުރިއެރުންތައް އަންނަމުންދާ ކަމަށާއި އެ ކުރިއެރުންތަކާ އެއްވަރަށް ފައިހަމަކުރުމަށް ރާއްޖޭގެ މާލީ ދާއިރާ އަށް ބަދަލު ގެންނަން ޖެހޭ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މިދިޔަ ބުރާސްގަތި އަދި ހުކުރު ދުވަހު ބަނޑޮސް ރިސޯޓްގައި ބޭއްވި އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ) ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ގަވަރުނަރު ވިދާޅުވީ ކްރިޕްޓޯ ކަރަންސީ ފަދަ ވާޗުއަލް ފައިސާތައް ބޭނުންކުރަން ފެށުމަށް ރާއްޖޭގެ މާލީ ނިޒާމު އަދި ތައްޔާރު ނޫން ކަމަށެވެ.
ގަވަރުނަރު ވިދާޅުވީ ޓެންކޮލަޖީއާ އެއްހަމައެއްގައި ފައިތިލަ ސާބިތުކުރުމަށް ކޮންމެ ގައުމަކަށް ވެސް ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. އެ ގޮންޖެހުންތައް ނައްތާލުމަށް ކުރަން ޖެހޭ ކަމަކީ އޮނިގަނޑު ބަދަލުކުރުން ކަމަށް ނަސީރު ވިދާޅުވި އެވެ.
"ޓެކްނޮލޮޖީގައި ދުނިޔެ ހޯދަމުން އަންނަ ކުރިއެރުންތަކާ އެކު މާލީ ދާއިރާއަށް އަންނަ ބަދަލުތަކާ އެއް ހަމަ ކުރުމަކީ ގައުމުތަކަށް އޮތް ގޮންޖެހުމެއް. އެއީ އެކަމަކީ ރިސްކު ބޮޑު ކަމެއް. ކަސްޓަމަރުންނާއި އިންވެސްޓަރުންގެ ކަންބޮޑުވުން އެކަމުގައި ހުންނާނެ،" ގަވަރުނަރު ވިދާޅުވި އެވެ.
ދާދިފަހުން އެމްއެމްއޭ އިން ވަނީ ރާއްޖޭގައި ވާޗުއަލް ފައިސާ ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެ ނޫސްބަޔާނެއް ވެސް ނެރިފަ އެވެ. ރާއްޖޭގައި ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް މަނީ ރެމިޓަންސް ވިޔަފާރި އާއި މަނީ އެކްސްޗޭންޖްގެ ވިޔަފާރި ރެގިއުލޭޓް ކުރާ ގާނޫނުގެ ދަށުން އެއްވެސް ފަރާތަކުން ވިޔަފާރި ކުރުމުގައި ކްރިޕްޓޯ ކަރަންސީ ނުވަތަ އެފަދަ ވާޗުއަލް ފައިސާ ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް އޭރު އެމްއެމްއޭ އިން ބުނެފައިވެ އެވެ.
އޭބީއޭ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ގަވަރުނަރު ވިދާޅުވީ ކުރިއަރަމުން އަންނަ ޓެކްނޮލަޖީއާ އެކު ބޭންކިންގެ ދާއިރާއަށް ޖުމްލަ ގޮތެއްގައި، މާލީ ދާއިރާއަށް އަންނަ ކުރިއެރުންތަކާ، ހަމަކުރުމަކީ ވެސް ގޮންޖެެހުމެއް ކަމަށެވެ. ނަމަވެސް 2018 އިން 2022 އަށް އެކުލަވާލާފައިވާ އެމްއެމްއޭގެ ސްޓްރެޓެޖިކް ޕްލޭންގައި އެކަންކަމަށް ރިއާޔަތްކޮށްފައިވާނެ ކަމަށެވެ.