27 Sep 2011, 15:35
ދިގުމުއްދަތަކަށް ޖަލު ހުކުމެއް ކޮށްފައިވާ މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރުމަށްފަހު، ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެމީހާ ޑިޕާޓްމަންޓް އޮފް ޕެނިޓެންސަރީ އެންޑް ރިހެބްލިޓޭޝަން ސާވިސް (ޑީޕީއާރުއެސް) އާ ހަވާލުކުރުމަށް އަންގާފައިވަނިކޮށް، އޭނާ ދޫކޮށްލަންޖެހުނީ ޑީޕީއާރުއެސްއިން އެމީހާއާ ހަވާލުނުވުމުން ކަމަށް ފުލުހުން ބުނާ ވާހަކަތައް ޑީޕީއާރުއެސްއިން ދޮގުކުރާއިރު އެ މައްސަލާގައި ޑީޕީއާރުއެސްއާ ގުޅުމުން އެމީހާއާ ހަވާލުވެވެން ނެތް ކަމަށް އެޑިޕާޓްމަންޓުން ބުނެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މަސްތުވާތަކެތީގެ ތަފާތު ދެ މައްސަލައެއްގައި 22 އަހަރުގެ ޖަލުހުކުމެއް ކޮށްފައިވާ އެ މީހަކީ ވިލިމާލޭ ޖާގަން، އަހުމަދު މުސްތޮފާ އެވެ.
ޑީޕީއާރުއެސް އިން މިއަދު ބުނީ ފުލުހުން އެޑިޕާޓްމަންޓާއި މުސްތޮފާ ހަވާލުކުރަން މަސައްކަތް ކުރި ކަމަށް ބުނާ ވާހަކައަކީ ހަގީގަތާއި ހިލާފު ދޮގު ވާހަކައެއް ކަމަށެވެ. މުސްތޮފާ އެޑިޕާޓްމަންޓާއި ހަވާލުކުރަން މަސައްކަތް ކުރިކަން އަދި ހަވާލުކުރަން އުޅުނު ކަންވެސް އެނގިފައިނުވާ ކަމަށެވެ. އެމައްސަލާގައި ފުލުހުން ސާފުކޮށްފައިވާ ހަމައެކަނި މައުލޫމާތަކީ މުސްތޮފާއަކީ އެޑިޕާޓްމަންޓުގެ ބެލުމުގެ ދަށުގައި ހުކުމެއް ތަންފީޒުކުރަމުންދާ މީހެއްތޯ ކަމަށް ވެސް ޑީޕީއާރްއެސް އިން ބުނެ އެވެ.
އަދި ބުނީ މުސްތޮފާއާ ބެހޭ މައުލޫމާތު އެޑިޕާޓްމަންޓުން ފުލުހުންނަށް ދީފައިވާނެ ކަމަށާއި މުސްތޮފާގެ މައްޗަށް ދެ ހުކުމެއް ކޮށްފައިވާއިރު އޭގެ ތެރެއިން އެއް ހުކުމަކަށް ރައީސުލްޖުމްހޫރިއްޔާ މައާފުދެއްވާފައިވާއިރު ދެވަނަ ހުކުމް ތަންފީޒުކުރުން ވަކި ޝަރުތަކެއް ކަނޑައެޅުމަށްފަހު އެއް އަހަރަށް ފަސްކޮށްފައިވާ ކަމަށެވެ.
ޑީޕީއާރުއެސްއާ މުސްތޮފާ ހަވާލުކުރަން ފުލުހުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް އެޑިޕާޓްމަންޓުން ބުނި ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް، ސަބް އިންސްޕެކްޓާ އޮފް ޕޮލީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި މި މަހުގެ 14 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރި މުސްތޮފާ ޑީޕީއާރުއެސްއާ ހަވާލުކުރުމަށް ކޯޓުން އެންގުމުން ޑީޕީއާރުއެސްއާ އެމީހާ ހަވާލުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމީހާއާ ހަވާލުވެވެން ނެތް ކަމަށް ޑީޕީއާރުއެސްގެ ޑިރެކްޓާ އަބްދުއްރަޝީދު ވިދާޅުވެފައި ވަނިކޮށް މުސްތޮފާ ކޯޓަށް ހާޒިރުކޮށް ދޫކޮށްލީ ކަމަށެވެ. މުސްތޮފާއަށް ރައީސް އައްފާމު ދެއްވިކަމުގެ ލިޔުމާއި އެ މައްސަލާގައި ކޯޓުން އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމުގެ ލިޔުން ވެސް ފުލުހުންގެ އިދާރާ އަށް ޑީޕީއާރްއެސް އިން ފޮނުވާފައިވާ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.
" ކޯޓުގެ ނިންމުމާ ގުޅިގެން ޑީޕީއާރުއެސްއަށް ގުޅުމުން އެތަނުން ވާހަކަދެއްކެވި އަންހެން މުވައްޒަފަކު ވިދާޅުވީ އެތަނުގެ ޑިރެކްޓާ އަބްދުއްރަޝީދާ މަޝްވަރާކުރުމަށްފަހު ޖަވާބެއް ދެއްވާނެ ކަމަށް. އަދި ފަހުން އެއަންހެން މުވައްޒަފު އަބްދުއްރަޝީދާ ހަވާލާދީ ވިދާޅުވެފައިވަނީ މުސްތޮފާއަކީ އަފޫއާއްމެއްގެ ދަށުން ދޫކޮށްލާފައިވާ މީހެއް ކަމަށްވާތީ އޭނާއާ ހަވާލުވެވެން ނެތް ކަމަށް. އޭގެފަހުން ސިނީއާ ފުލުހެއް ވެސް އަބްދުއްރަޝީދާ ގުޅުމުން ދެއްވާފައި ވަނީ އެއް ޖަވާބެއް. އެހެންމެ ޑީޕީއާރުއެސުން ވެސް ހަވާލުނުވުމުން ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައި،" ޝިޔާމް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ޑީޕީއާރުއެސްގެ ޑިރެކްޓާ އަބްދުއްރަޝީދުއާ ގުޅުމުން ފޯނަށް ޖަވާބުނުދެއްވާތީ އަދި ވަނީ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.
ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި ބުނެފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި މުސްތޮފާ އެކޯޓަށް އެންމެ ފަހުން ހާޒިރުކޮށްފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށާއި އެދުވަހު އޭނާ އެކޯޓަށް ގެންގޮސްފައިވަނީ މާރާމާރީގެ މައްސަލައެއްގެ ތުހުމަތުގައި އޮގަސްޓް14 2011 ގައި ވ. ޖާގަންގެއަށް ފުލުހުން ގޮސް އޭނާ ދިރިއުޅޭ ކޮޓަރި ތެރެ ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ސައްކުކުރެވޭ އެއްޗެއް ފެނުމާ ގުޅިގެން ކަމަށެވެ.