އަމާޒަކީ ޒަމާނީ ޓެކްނޮލަޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ކަސްޓަމަރުންގެ ބޭނުންތަކާ އެއްފެންވަރެއްގެ ހިދުމަތެއް ދިނުންކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

އެ ބޭންކުން އިންތިޒާމުކޮށްގެން މި ހަފްތާގެ ބުރާސްފަތި އަދި ހުކުރު ދުވަހު ބޭއްވި އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ) ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް އެބޭންކުން މަސައްކަތް ކުރާނީ ޓެކްނޮލަޖީ އަށް އިންވެސްޓުކޮށް ހިދުމަތްތައް ފުޅާކުރުމަށް ކަމަށެވެ.

"ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާ އެކު ބީއެމްއެލް އަށް މަޑުން އޮވެވޭކަށް ނެތް. ޓެކްނޮލްޖީއާ އެކު އަތުވެދާނެ އުނދަގޫތަކާ އެކު ވެސް ކުރިއެރުން ހޯދަން މަސައްކަތް ކުރަން ޖެހޭ. ކުރިއަށް އޮތްތަނުގައި ވެސް ބޭންކުން ޓެކްނޮލޮޖީއަށް އިންވެސްޓްކޮށް، ކަސްޓަމަރުންނަށް ފަސޭހަތައް ކޮށްދިނުމަށް މަސައްކަތް ކުރާނަން،"

އެންޑްރޫ ވަނީ ފާއިތުވި އަހަރުތަކުގައި ބޭންކުން ޓެކްނޮލަޖީ އަށް ކުރި އިންވެސްޓުމެންޓުތަކާ އެކު ކަސްޓަމަރުންނަށް ހިދުމަތްދިނުމުގައި ހޯދާފައިވާ ކާމިޔާބީ ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން ބީއެމްއެލްގެ ކަސްޓަމަރުން ހަދާ ކޮންމެ 10 ޓްރާންސެކްޝަނަކުން ނުވަ ޓްރާންސެލްޝަނަކީ ޑިޖިޓަލް ޓްރާންސެކްޝަންކަން އެންޑްރޫ ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން އިންޓަނެޓް ބޭންކިންގެ އިތުރުން މޯބައިލް ބޭންކިން އަދި ސެލްފް ސާވިސް ބޭންކިން އާ އެކު ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންޑްރޫ ވިދާޅުވީ އެ ކޮންފަރެންސުގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާ ކުރިއަރުވައި ތަރައްގީކުރަން ހުރި ފުރުސަތުތައް ދެނެގަނެވި އިތުރު ފުރުސަތުތައް ލިބޭނެ ކަމަށެވެ.

އޭބީއޭ ކޮންފަރެންސްގެ ތެރެއިން ކުރިއަށްގެންދިޔަ އޭބީއޭގެ އާންމު ބައްދަލުވުމުގައި ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލް ވަނީ ކުރިއަށް އޮތް ދައުރުގެ އޭބީއޭގެ ވައިސްޗެއާގެ މަގާމު ލިބިފަ އެވެ. ޗެއާގެ މަގާމު ލިބުނީ ލަންކާގެ ހެޓަން ނެޝަނަލް ބޭންކަށެވެ.