17 Nov 2018, 09:46
މިމަހުގެ 15 އިން 16 އަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްގެންދިޔަ 35 ވަނަ އޭޝިއަން ބޭންކާސް ކޮންފަރެންސް ކާމިޔާބު ކަމާ އެކު ނިންމާލައިފި އެވެ.
މި ކޮންފަރެންސަކީ ރާއްޖޭގައި ބޭއްވި ފުރަތަމަ ބޭންކިން ކޮންފަރެންސެވެ. އޭބީއޭގެ މެންބަރު 25 ގައުމަކުން 150 އަށް ވުރެ ގިނަ މަންދޫބުން މި ކޮންފަރެންސްގައި ބައިވެރިވި އެވެ.
ކޮންފަރެންސް ކުރިއަށް ގެންގޮސްފައި ވަނީ "ބޭންކިން އިން އޭޝިއާ: ދަ ނެކްސްޓް ފްރޮންޓިއާ" މި ތީމުގެ ދަށުންނެވެ.
އެ ކޮންފަރެންސްގައި މާލީ ދާއިރާގައި ހަރަކާތްތެރިވާ އިސްފަރާތްތަކުން އޭޝިއާގައި ބޭންކިންގ ކުރިއަރަމުންދާ ގޮތުގެ މައްޗަށް ވަނީ ވާހަކަ ދައްކަވައިފަ އެވެ. މީގެ އިތުރުން ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ އާއެކު މާލީ ދާއިރާގެ ހަރުދަނާކަމާ އަދި އެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކުން ރައްކާތެރިވުމުގެ މުހިންމުކަމާ މެދު ވެސް މި ކޮންފަރެންސްގައި ވަނީ މަޝްވަރާކޮށްފަ އެވެ.
އޭބީއޭގެ ޗެއާމަންގެ މަގާމު މިދައުރުގައި އަދާކުރެއްވި ޑެނިއަލް ވޫ ވިދާޅުވީ މި އަހަރުގެ ކޮންފަރެންސަކީ ހާއްސަ ކޮންފަރެންސެއް ކަމަށެވެ. އެގޮތުން މިއީ 1981 ވަނަ އަހަރު އޭބީއޭ އުފެދުނުފަހުން ރާއްޖޭގައި ބައްދަލުވުމެއް ބާއްވާ ފުރަތަމަ ފަހަރުކަން ޑެނިއަލް ފާހަގަ ކުރެއްވި އެވެ.
"ބޭންކް އޮފް މޯލްޑިވްސް އިން މިވަނީ ވަރަށް ފުރިހަމައަށް މި ކޮންފަރެންސް ބާއްވާފައި. އެކަމަށް ޓަކައި ބޭންކަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަން. އަދި ކުރިއަށް ދެ އަހަރުގެ މުއްދަތަށް އޭބީއޭގެ ވައިސްޗެއަރގެ މަގާމް ލިބުނީތީ ވެސް ބީއެމްއެލް އަށް މަރުހަބާ ދަންނަވަން. އަދި ޗެއާގެ މަގާމު ލިބުނު ސްރީލަންކާގެ ހެޓަން ނެޝަނަލް ބޭންކަށް ވެސް މަރުހަބާ ދަންނަވަން،"