17 Nov 2018, 09:43
ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ ޑައިރެކްޓަރު މިލިޕް މިލަން ޒަވޭރީގެ ކުރިޔަށް އަންނަން އޮތް ފިލްމު "މަރްޖާވާން"ގެ ކާސްޓަށް ބަތަލާ ރަކުލް ޕްރީތް ގުޅިއްޖެ އެވެ.
ރަކުލް އެ ފިލްމު ކުޅެން ސޮއި ކޮށްފައިވާކަން ވަނީ ޕްރޮޑަކްޝަން ހައުސް ޓީ ސީރީޒުން ވެސް އިއުލާންކޮށްފަ އެވެ. އަދި ރަކުލް ކުރި ޓްވީޓެއްގައި ވެސް އެ ފިލްމުގެ ޓީމަށް ގުޅުނު ކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އަންނަ މަހު ޝޫޓިން ފަށަން ހަމަޖެހިފައިވާ އެ ފިލްމުގެ ބައެއް ތަރިން މީގެ ކުރިން ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން ފިލްމުން ސިދާތު މަލްއުތުރާ އާއި ރިތޭޝް ދޭޝްމުކް އަދި ތާރާ ސުތާރިއާ ފަދަ ތަރިން ފެންނާނެ ކަމަށް ވަނީ އަންގާފަ އެވެ.
ރަކުލްގެ ފިލްމެއް ދެން އެންމެ އަވަހަށް އަންނާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ. އެއީ އަޖޭ ދޭވްގަން އާއި ތައްބޫއާ އެކު ކުޅެފައިވާ "ދޭ ދޭ ޕިޔާރު ދޭ" އެވެ.
"މަރްޖާވާން" ބެލުންތެރިންނާ ހަމަޔަށް އަންނާނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު އެވެ.