ކުއަލަލަމްޕޫރު (ނޮވެމްބަރު 16): މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ އަނބިކަނބަލުން ރޮސްމާ މަންސޫރުގެ މައްޗަށް ރިޝްވަތާ ގުޅުން ހުރި ދެ ދައުވާކޮށްފި އެވެ.

ރޮސްމާގެ މައްޗަށް އެދައުވާ ކުރީ މެލޭޝިއާގެ ބޯނިއޯގެ ސްކޫލުތަކެއްގައި ހިންގި 298 މިލިއަން ޑޮލަރުގެ ސޯލާ ޕްރޮޖެކްޓަކާ ގުޅިގެންނެވެ.

ޕްރޮސެކިއުޓަރުން ވިދާޅުވި ގޮތުގައި ރޮސްމާ ވަނީ އެޕްރޮޖެކްޓު ހިންގި ޖީޕަކް ހޯލްޑިންސްގެ ފަރާތުން 2016 ވަނަ އަހަރު 187.5 ރިންގިޓް (44،751،562 ޑޮލަރު) ހޯދަން މަސައްކަތް ކުރައްވާފަ އެވެ. އަދި އެކަމަނާ ވަނީ ޖެހިގެން އައި އަހަރު އެކުންފުނިން ރިޝްވަތުގެ ގޮތުގައި ދިން 1.5 މިލިއަން ރިންގިޓް (358،012 ޑޮލަރު) ގަބޫލު ކުރައްވާފަ އެވެ.

ރޮސްމާ ވަނީ އެދައުވާތަކަށް އިންކާރު ކުރައްވާފަ އެވެ. އޭނާގެ މައްޗަށް އެދައުވާތައް ސާބިތުވެއްޖެ ނަމަ، ކޮންމެ ދައުވާއަކާ ގުޅިގެން 20 އަހަރުގެ ޖަލު ހުކުމެއް ކުރުން އެކަށީގެންވެ އެވެ.

މިދިޔަ މަހުވެސް ރޮސްމާގެ މައްޗަށް ވަނީ މަނީ ލޯންޑަރިންއާ ގުޅުން ހުރި 17 ދައުވާއެއްކޮށްފަ އެވެ. އަދި އޭނާގެ ފިރިކަލުން ނަޖީބުގެ މައްޗަށް ވަނީ ކޮރަޕްޝަނާ ގުޅުން ހުރި 38 ދައުވާއެއްކޮށްފަ އެވެ.