ވޮޝިންޓަން (ނޮވެމްބަރު 16): ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖާ ދެކޮޅަށް އެމެރިކާއިން ދައުވާކޮށްފި ކަން އޮޅުމަކުން ހާމަވެއްޖެ ކަމަށް އެޖަމްއިއްޔާއިން ބުނެފި އެވެ.

ވިކިލީކްސްއިން ބުނި ގޮތުގައި އަސާންޖާ ދެކޮޅަށް ދައުވާ ކުރިކަން އެނގިފައި ވަނީ އޭނާއާ ގުޅުމެއް ނެތް މައްސަލައެއްގައި، ވާޖީނިއާގެ ކޯޓަކަށް ހުށަހެޅި ލިޔެކިޔުންތަކަކުންނެވެ. އަދި ބެލެވޭ ގޮތުގައި އެއީ 'ކަޓް-އެންޑް-ޕޭސްޓު' ކުރުމުގައި އެރި އޮޅުމެކެވެ.

އެލިޔެކިޔުންތަކުން އަސާންޖާ ދެކޮޅަށް ކޮށްފައި ވަނީ ކޮން ދައުވާއެއް ކަމެއް ނޭނގެ އެވެ. ނަމަވެސް އެލިޔުންތަކުގައި ވަނީ "އަސާންޖް ހައްޔަރު ކުރެވެންދެން އެދައުވާތައް ސިއްރު ކުރަން ޖެހޭ" ކަމަށް ބުނެފަ އެވެ.

އެމައްސަލަ ހުށަހަޅާފައިވާ ކޯޓުގެ ތަރުޖަމާނު ޖޯޝުއާ ސްޓުއީވް ވަނީ އެލިޔެކިޔުންތައް ހުށަހަޅާފައި ވަނީ އޮޅުމަކުން ކަމަށް ބުނެފަ އެވެ. ނަމަވެސް އެހާދިސާ ހިނގީ ކިހިނެއް ކަމެއް އަދި އަސާންޖާ ދެކޮޅަށް ދައުވާކޮށްފައިވާ ކަމެއް އޭނާ ވިދާޅުނުވެ އެވެ.

އަސާންޖްގެ ވަކީލަކު ވަނީ "ތެދު މައުލޫމާތު ހިއްސާ ކުރުމުގެ ސަބަބުން ޖިނާއީ ދައުވާ ކުރުމަކީ ގައުމުގެ ޑިމޮކްރަސީއަށް ރަނގަޅު ގޮތެއް ނޫން" ކަމަށް ވިދާޅުވެފަ އެވެ.

ދެހާސްދިހަ ވަނަ އަހަރު އެމެރިކާގެ ގިނަ އަދަދެއްގެ ސިއްރު ލިޔުންތަކެއް ލީކުކޮށްލި އަސާންޖު މިހާރު ދިރިއުޅެމުން ދަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ އިކުއެޑޯގެ އެމްބަސީގަ އެވެ. ނަމަވެސް މިދިޔަ ޖުލައި މަހު އިކުއެޑޯގެ ސަރުކާރުން ވަނީ އަސާންޖަށް ދީފައިވާ ހިމާޔަތް އަނބުރާ ގެންދިޔުމާ ބެހޭ ގޮތުން އިނގިރޭސިވިލާތާ ވާހަކަ ދައްކަމުންދާ ކަމަށް ބުނެފަ އެވެ.