ކޮލަމްބޯ (ނޮވެމްބަރު 16): ސްރީލަންކާގެ ޕާލަމެންޓުގައި މިއަދުވެސް ހަމަނުޖެހުން ހިންގައި، ބައެއް މެމްބަރުން އެހެން މެމްބަރުންގެ ގަޔަށް މިރުސް ޖެހި ކަމަށް ތުހުމަތުކޮށްފިއެވެ.

ލަންކާގެ ޕާލިމެންޓުގައި މިހަފްތާ ތެރޭ ތިންވަނަ ފަހަރަށް ބޭއްވި ބައްދަލުވުމަށް މަޖިލީހުގެ ރައީސް ކަރު ޖަޔަސޫރިޔާ ވަދެ ވަޑައިގެންނެވީ ފުލުހުންނާ އެއްކޮށެވެ. ނަމަވެސް ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައަށް ތާއިދުކުރާ މެމްބަރުން ވަނީ ޖަޔަސޫރިޔާގެ ގޮނޑި ހިސޯރުކޮށް، ގޮނޑިއަށް ގެއްލުންދީފަ އެވެ.

އޭގެ ސަބަބުން ޖާޔަސޫރިޔާ މަޖިލިސް ކުރިއަށް ގެންދެވީ ފުލުހުން ވަށާލާފައިވާ އެހެން ގޮނޑިއެއްގައި ހުންނަވައިގެންނެވެ. އަދި އަނެއްކާވެސް ޖަޔަސޫރިޔާ ވަނީ މަޖިލީހުގައި ރާޖަޕަކްސަގެ އިތުބާރު އޮތްތޯ ބެލުމަށް ވޮއިސް ވޯޓެއް ނަންގަވާފަ އެވެ. އެއަށް ފަހު އޭނާ ވަނީ ރާޖަޕަކްސަގެ އިތުބާރު ނެތްކަމަށް ދެވަނަ ފަހަރަށް ފާސްވެފައިވާ ކަމަށް ވިދާޅުވެފައެވެ.

އޭގެ ސަބަބުން ރާޖަޕަކްސައަށް ތާއިދ ކުރާ މެމްބަރުން ވަނީ ޖަޔަސޫރިޔާގެ މަސައްކަތަށް ހުރަސްއަޅަން މަސައްކަތްކުރައްވާފައެވެ. އޭގެ ތެރެއިން ބައެއް މެމްބަރުން ވަނީ ފުލުހުންނަށް ހަމަލާދީ، އެހެން އިދިކޮޅު މަޖިލިސް މެމްބަރުންގެ ގަޔަށް މިރުސް ޖަހާފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

"އަޅުގަނޑުމެން އަމަލު ކުރީ ރަނގަޅަށް. ނަމަވެސް (ރާޖަޕަކްސައަށް ތާއިދު ކުރާ މެމްބަރުން ވަނީ) ފުޅިއެއްގައި ހުރި ރަތް ކުލައިގެ އެއްޗެއް އަޅުގަނޑުގެ ގަޔަށް ޖަހާފަ. އެފުޅީގައި ހުރީ މިރުސް. ރައީސް މިއަދު ޖެހޭނެ ގޮތެއް ނިންމަވަން،" ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޕާޓީއަށް ނިސްބަތްވާ މެމްބަރަކު ވިދާޅުވި އެވެ.

އެވޯ ޓަށް ފަހު މަޖިލީހުގެ ރައީސް ވަނީ ޕާލިމެންޓުން ނުކުމެ ވަޑައިގެންފައެވެ. އަދި ވޯޓުގެ ނަތީޖާ މިއަދު ރައީސް މައިތިރިޕާލާ ސިރިސޭނާއަށް ހުށަހަޅާނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ރައީސް ސިރިސޭނާ އެ ވޯޓުގެ ނަތީޖާ ގަބޫލުކުރައްވައިފިނަމަ، ރާޖަޕަކްސަ ވެރިކަމުން ދުރުކުރެވޭނެއެވެ. ނަމަވެސް ދެންވެސް ބޮޑުވަޒީރަކު އައްޔަން ކުރުމުގެ ބާރު އޮންނާނީ ރައީސްގެ އަތްޕުޅުގައެވެ.

މިދިޔަ ހުކުރު ދުވަހު ސިރިސޭނާ ލަންކާގެ ޕާލިމެންޓު އުވާލެއްވި ނަމަވެސް މިދިޔަ އަންގާރަ ދުވަހުގައި އެގައުމުގެ ސުޕްރީމް ކޯޓުން ވަނީ އެނިންމުން ބާތިލުކޮށްފައެވެ.