ކޮލަމްބޯ (ނޮވެމްބަރު 16): ސާދަ މިލިއަން ލަންކާ ރުޕީސްގެ އަގު ހުރި ގަނޑު ރަން ލަންކާއަށް އެތެރެކުރަން އުޅުނު ތިން މީހަކު އެގައުމުގެ ކަސްޓަމްސްއިން ހައްޔަރުކޮށްފިއެވެ.

ލަންކާގެ ޑެޕިއުޓީ ޑިރެކްޓާ އޮފް ކަސްޓަމްސް ވިޕުލަ މިނުވަމްޕިޓިޔާ ވިދާޅުވި ގޮތުގައި އިންޑިއާއިން އައި އެ ތިން މީހުން ހައްޔަރު ކުރީ ރޭ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭރު އެމީހުންގެ އަތުގައި 14,398,860 ރުޕީސް (81,547 ޑޮލަރު)ގެ އަގުހުރި 48 ގަނޑު ރަން އޮތެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި އެރަންގަނޑުތައް ހުރީ ހަ ބަޔަށް ބަހައި، ދަގަނޑު ޓިއުބުތަކަށް އަޅާފައެވެ. އަދި އެ ހުރިހާ އެއްޗެއްގެ ބަރުދަން 2.4 ކިލޯއަށް އަރައެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި ތިން މީހުންނަކީ ލަންކާގެ ކެންޑީއަށް ނިސްބަތްވާ ވިޔަފާރިވެރިންތަކެކެވެ. އެމީހުންނާ މިހާރު ސުވާލު ކުރަމުންދާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އެތިން މީހުންގެ އުމުރަކީ 48 އަހަރާއި 46 އަހަރާއި 44 އަހަރެވެ.