ވޮޝިންޓަން (ނޮވެމްބަރު 16): ގަތަރުގައި ވާ އެމެރިކާގެ އަސްކަރީ ބޭސް އިތުރަށް ބޮޑުކޮށް ފުޅާކުރުމާ ބެހޭގޮތުން އެ ދެ ގައުމުން މަޝްވަރާކޮށްފިއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ، ގަތަރުގެ ދިފާއީ ވަޒީރު ޚާލިދު ބިން މުޙައްމަދުލް އަތިއްޔާ އާ ވޮޝިންޓަންގައި ބައްދަލުކުރައްވައި، ގަތަރުގައި ވާ އެމެރިކާގެ އަސްކަރީ ބޭސް އިތުރަށް ބޮޑުކޮށް ފުޅާކުރުމާ ބެހޭގޮތުން ބުދަ ދުވަހު މަޝްވަރާކުރެއްވި ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުންތަކާ ބެހޭގޮތުންނާއި ދެ ގައުމުގެ ދެމެދުގައި ފެށުމަށް ތައްޔާރުވާ ސްޓްރެޓީޖިކް ޑައިލޮގްއާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެއެވެ.

ގަތަރުގެ ޢީދީދު ސަރަހައްދުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްއަކީ މެދު އިރުމަތީގައިވާ އެމެރިކާގެ ވައިގެ އެންމެ ބޮޑު މަރުކަޒެވެ. އެ މަރުކަޒުގައި އެމެރިކާގެ 15،000 ސިފައިންގެ ލަޝްކަރަކާއި ގިނަ އަދަދެއްގެ ބަރު ހަތިޔާރު ރުކުރުވާލާފައިވެއެވެ. މީގެތެރޭގައި 100 އަށްވުރެ ގިނަ ފައިޓަރ ޖެޓް ހިމެނެއެވެ.

ގަތަރުގެ ޢީދީދް ވައިގެ ބޭސް އެމެރިކާ ބޭނުންކުރަން ފަށާފައިވަނީ 1996 ވަނަ އަހަރު އެމެރިކާއާއި ގަތަރާ ދެމެދު އެއްބަސްވި އަސްކަރީ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގައި ގަތަރުގެ ވެރިކަމުގެ ނިޒާމު ހިމާޔަތްކުރުންވެސް ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.

ގަތަރުގެ ޢީދީދް ވައިގެ ބޭސްއަކީ އެމެރިކާގެ އަސްކަރީ މަރުކަޒެއްކަމަށް ގަތަރު ސަރުކާރުން ރަސްމީ ސިފައެއްގައި އެއްބަސްވީ 2002 ވަނަ އަހަރުގެ މާޗް މަހުގައެވެ. ގަތަރުގެ ވެރިކަމުގެ ނިޒާމު ހިމާޔަތްކުރުމަށްޓަކައި ތުރުކީގެ 30،000 ސިފައިންވެސް ގަތަރުގައި ރުކުރުވާލާފައިވެއެވެ. މިކަމަށްޓަކައި ތުރުކީވެސް ގަތަރުގައި އަސްކަރީ ބޭހެއް ގާއިމުކޮށްފައިވެއެވެ.

ގަތަރުގެ ދިފާއީ ވަޒީރު، އެމެރިކާއަށް ކުރައްވާ ދަތުރުޅުގައި އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މެޓިސްއާވެސް ވަނީ ބައްދަލުކުރައްވާފައެވެ. ގަތަރުން ވަނީ އެ ގައުމުގައިވާ އެމެރިކާގެ އަސްކަރީ ބޭސް އިތުރަށް ބޮޑުކޮށް ފުޅާކުރަން އެމެރިކާ އެދޭކަމާއި އެކަމަށް އިޖާބަދޭން ތައްޔާރަށް އޮތްކަން ދާދި ފަހުން ހާމަކޮށްފައެވެ.

(ރޮއިޓާސް)