16 Nov 2018, 13:01
ކޮލޮމްބޯ (ނޮވެމްބަރު 13): ސްރީލަންކާގެ ޕާލަމެންޓުގައި އިއްޔެ ދެ މެމްބަރަކު ވަޅިއެއް ގެންގުޅުނު މައްސަލަ އެ ގައުމުގެ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
އިއްޔެ ލަންކާގެ ޕާލަމެންޓުގައި މަޖިލިސް މެމްބަރުން ވަނީ ތަކެތި އުކައި،ހަމަނުޖެހުން ހިންގާފައެވެ. އެ ހަމަނުޖެހުންތައް ފެށުނީ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އިތުބާރު ނެތްކަމުގެ ވޯޓެއް ދެވަނަ ފަހަރަށް ނަގަން މެމްބަރަކު ގޮވާލެއްވުމުންނެވެ.
އިއްޔެގެ ހަމަނުޖެހުމުގައި ރާޖަޕަކްސައަށް ތާއިދު ކުރާ މެމްބަރުންތަކެއް ވަނީ މަޖިލީހުގެ ރައީސް ކަރު ޖަޔަސޫރިޔާއާ ދިމާލަށް ކުނި އަޅާ ވަށިގަނޑެއް އެއްލައި، ރައީސްގެ މައިކްރޯފޯން ހަލާކުކޮށްލާފައެވެ. އަދި މައިކްރޯފޯން ހަލާކުކުރި މެމްބަރު ދިލުމް އަމުނުގަމާއަށް އަނިޔާވެ، އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެ އެވެ.
Sri Lankan MPs clashed inside Parliament chamber as Political crisis continues, Speaker Karu Jayasuriya announced at beginning of session that the House does not recognise a government or an opposition.pic.twitter.com/mgQKkFhTxG
— Azzam Ameen (@AzzamAmeen)November 15, 2018
މީގެ އިތުރުން ބައެއް މެމްބަރުން ވަނީ، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނެޝަނަލް ޕާޓީއަށް ނިސްބަތްވާ މެމްބަރު ޕާލިތަ ތެވަރައްޕެރުމާ ވަޅިއެއް ގެންގުޅުނު ކަމަށް ތުހުމަތުކޮށްފަ އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ފްރީޑަމް ޕާޓީއަށް ނިސްބަތްވާ އިންދިކަ އަނުރުއްދައެވެ.
އަދި ލަންކާގެ ފުލުހުންބުނީ ޕާލަމެންޓުގެ ސީސީޓީވީ ފުޓެޖް ބަލައި، މައްސަލަ ތަހުގީގުކުރަމުން ދާކަމަށް ބުނެފައެވެ.
މިދިޔަ މަހުގެ 26ގައި ރައީސް ސިރިސޭނާ ލަންކާގެ ބޮޑުވަޒީރު ކަމަށް ރާޖަޕަކްސަ އައްޔަންކޮށް، މަޖިލިސް ސަސްޕެންޑުކުރި ފަހުން އިއްޔެ އެގައުމުގެ މަޖިލީހުން ވަނީ ފުރަތަމަ ބައްދަލުވުން ބާއްވާފައެވެ. އަދި އެބައްދަލުވުމުގައި ވަނީ ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފައެވެ.
ނަމަވެސް ސިރިސޭނާ ވަނީ އެ ވޯޓު ނަތީޖާ ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރާޖަޕަކްސަ ވަނީ އެގައުމުގައި އާންމު އިންތިހާބެއް ބޭއްވުމަށް ގޮވާލައްވާފައެވެ.
ނަމަވެސް މިދިޔަ އަންގާރަ ދުވަހު ލަންކާގެ ސުޕްރީމް ކޯޓުން ވަނީ މަޖިލިސް އުވާލަން ނިންމި ނިންމުން ބާތިލުކޮށް، ޖެނުއަރީ މަހު އާންމު އިންތިހާބެއް ބޭއްވުމަށް ކުރަމުންދާ ތައްޔާރީތައް ހުއްޓާލުމަށް ވަގުތީ އަމުރެއް ނެރެފައެވެ.