27 Sep 2011, 14:48
ސިވިލް ސާވެންޓެއްގެ ހައިސިއްޔަތުން ސ. މަރަދޫ ޕެންޒީމާގޭ މާހު ޖަބީން ކޯޓަށް ހުށަހެޅި މައްސަލައިގެ ސަބަބުން މާހު ޖަބީނާއި އެހެން ސިވިލް ސާވަންޓުންގެ ހައްގު ހޯދިދާނެކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ފަހުމީ ހަސަން ވިދާޅުވެއްޖެ އެވެ.
ފަހުމީ ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ ކޮމެޓީ އެލަވަންސް ނުދިނުމަށް ބާރު އެޅުމުގެގޮތުން މަދަނީ ޖަމްޢިއްޔާތަކުން ގުޅިގެން ކުރާ މަސައްކަތައްވުރެ ސިވިލްސާވަންޓުންގެ އަތުން އުނިކުރި ފައިސާ ހޯދައިދިނުމަށް މަސައްކަތްކުރުން މާ މުހިންމުކަމަށެވެ. އަދި ވިދާޅުވީ އެފައިސާ ހޯދައިދިނުމަށް މަސައްކަތްކުރުމަށް މަދަނީ ޖަމްޢިއްޔާތަކުގެ ކިބައިން ސީއެސްސީއިން އެދޭ ކަމަށާއި މިހާރު ސިވިލް ކޯޓުގައި އޮތް މައްސަލައިން މާހު ޖަބީނާއި އެހެން ސިވިލް ސާވަންޓުންގެ ހައްގުތަކެއް ނުލިބޭ ކަމަށެވެ.
"އެއީ މަޖިލިސް މެނަބަރުންނަށް ދިނުމަށް ނިންމަވާފަވާ ކޮމެޓީ އެލަވަންސް ދޫނުކުރުމަށް ބާރުއެޅުމުގެގޮތުން ހުށަހަޅާފައިވާ މައްސަލައެއް. އެ މައްސަލައިގެ ސަބަބުން މާހު ޖަބީންގެ ހައްގު ލިބިދާނެކަމަށް އަޅުގަނޑެއް ނުދެކެން،" ފަހުމީ ވިދާޅުވި އެވެ.
ސިވިލްސާވަންޓުންގެ މުސާރައިން އުނިކުރި ފައިސާ ނުދެނީސް މަޖިލީހުގެ މެންބަރުންނަށް ދިނުމަށް ނިންމަވާފައިވާ 20000ރ. ގެ ކޮމެޓީ އެލަވަންސް ދޫ ނުކުރެވޭނެކަމަށް ކަނޑައަޅައިދިނުމަށް މާހު ޖަބީން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ވަކިގޮތެއް ނުނިމެނީސް އެފައިސާ ދޫ ނުކުރުމަށް ސިވިލް ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރުގައި ބުނަނީ އެމައްސަލަ ނިމުމުގެކުރިން އެފައިސާ ދޫކޮށްފިނަމަ މާހު ޖަބީންގެ ހައްގަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭކަމަށެވެ.
"ދައުވާ ކުރާ ފަރާތުން ދައުވާ ކޮށްފައިވަނީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ތަފާތު ނުކުރުމުގެ ހައްގާއި 20 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހަމަހަމަކަމުގެ ހައްގާއި ގާނޫނު އަސާސީގެ 43 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައް އެޅުމުގެ ހައްގުގެ މައްޗަށް ބިނާކޮށް ކަމުގައި ވާ ހިނދު، ދައުވާ ކުރާ ފަރާތުގެ އެ ހައްގުތަކާމެދު ޝަރީއަތުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން މި ދައުވާގެ މަގުސަދު ގެއްލިދާނެ ފަދަ އެއްވެސް ކަމެއް މެދުވެރިވުމަކީ މި މައްސަލައިގެ ދައުވާ ކުރާ ފަރާތުގެ ހައްގަށް އިއާދަނުކުރެވޭނެ ފަދަ ގެއްލުމެއް ލިބިދާނެ ކަމެއް ކަމުގައި ޝަރީއަތަށް ގަބޫލުކުރެވޭ،" ސިވިލް ކޯޓުގެ ވަގުތީ އަމުރުގައި ވެއެވެ.