16 Nov 2018, 13:22
ރާއްޖޭގެ އާބާދީގެ 18 އަހަރުން މަތީގެ 33 ޕަަސެންޓު މީހުން އަދިވެސް ބޭންކް އެކައުންޓް ބޭނުން ނުކުރާކަމަށް މަރުކަޒީ ބޭންކުގެެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.
35 ވަނަ އޭބީއޭ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ގަވަރުނަރު ވިދާޅުވީ ބޭންކިންގެ ދާއިރާ ކުރިއަރާފައިވާ މިންވަރާ އަޅާބަލާއިރު، ބޭންކު އެކައުންޓު ބޭނުންކުރާ މީހުންގެ އަދަދު ފާހަގަކުރެވޭ މިންވަރަށް މަދު ކަމަށެވެ.
"ފަސޭހަ ޕޭމެންޓް މެތަޑްތައް އެބަހުރި. އިންޓަނެޓް ބޭންކިން ފަދަ ވަސީލަތްތަކާއެކުވެސް މިހާރުވެސް އެންމެ ގިނައިން ބޭނުންކުރާ ޕޭމަންޓް މެތަޑަކީ ޗެކް. މާލެ ސަރަހައްދުގައި ކޭޝްކާޑު ބޭނުންކުރާ މިންވަރު އިތުރު ނަމަވެސް މުޅި ރާއްޖެއަށް ލިބޭ މޯބައިލް ބޭންކިންގެ ހިދުމަތް ބޭނުންކުރާ މިންވަރު އަދިވެސް މަދު،" ނަސީރު ވިދާޅުވިއެވެ.
"ރާއްޖޭގެ އާބާދީގެ ޕެންޝަން ލިބޭ މީހުންގެ އާބާދީގެ 95 ޕަސެންޓު މީހުންނަކީ އެއް ބޭންކެއްގައި އެކައުންޓް ގެންގުޅޭ މީހުން ކަމަށާއި، އެ މީހުންނަށް ފައިސާ ދިނުމަށް ކޮންމެ މަހަކުވެސް ބޭންކުގެ މުވައްޒަފުން ރަށްރަށަށް ދާންޖެހޭކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
"މިހުރީ ބޮޑެތި ޗެލެންޖު. މި ޗެލެންޖުތައް ނައްތާލުމަށް އަޅުގަނޑުމެންގެ ޕްލޭންގައި ވަނީ ހިމަނާފައި. ފައިނޭންޝަލް އިންކްލޫޝަން އިތުރުކުރުމަކީ އެމްއެމްއޭއިން އެންމެ ބޮޑު އަމާޒު. އެމްއެމްއޭގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމަނާފައިވާ އެންމެ މުހިންމު އެއްކަމަކީ ޕޭމެންޓް އިންފްރާސްޓްރަކްޗާއެއް އުފެއްދުން. މީގެ އިތުރުން ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަކީވެސް އިސްކަން ދޭނެކަމެއް،"
ނަސީރު ވިދާޅުވީ ކުރިއަރަމުން އަންނަ ޓެކްނޮލަޖީއާއެކު ބޭންކިންގެ ދާއިރާއަށް ޖުމްލަގޮތެއްގައި މާލީ ދާއިރާއަށް އަންނަ ކުރިއެރުންތަކާ ހަމަކުރުމަކީވެސް ގޮންޖެެހުމަކަށް ވެފައިވާކަމަށެެވެ. އެމްއެމްއޭގެ ސްޓްރެޓެޖިކް ޕްލޭންގައި މިކަމަށް ހައްލު ހޯދުން ހިމަނާފައިވާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
މާލީ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ފާހަގަކުރައްވާ ގަަވަރުނަރު ވިދާޅުވީ މިހާރު ޓެކްނޮލަޖީއަށް އައިސްފައިވާ ކުރިއެރުންތަކާއެކު މާލީ ރެގިއުލޭޓަރީ ގަވައިދު ނުފެތޭ ކަމަށެވެ. އެކަމަށް ހައްލު ގެންނަން ޖެހޭކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ.
"ކްރިޕްޓޯ ކަރަންސީ ފަދަ ޓެކްނޮލަޖީއާއެކު މާލީ ދާއިރާއަށް އެބަ ބޭނުން، ދާއިރާއަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ސެކިއުރިޓީ ވަރުގަދަ ކުރަން އެބަޖެހޭ،"
ކުރިން ހެދުނު ގޯސްތައް ހަނދާނުގައި ބަހައްޓައިގެން މާލީ ދާއިރާ އަށް ބޭނުންވާ ބަދަލުތައް ގެނައުމަށް މަސައްކަތް ފަށަން ޖެހިފައިވާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
"ރިސްކު ނަގާ، ޓެކްނޮލަޖީ އާ ހަމަކޮށް ރައްޔިތުންގެ އިތުބާރު ލިބިފައިވާ ދާއިރާއަކަށް މާލީ ދާއިރާ ވާން އެބަޖެހޭ،" ގަވަރުނަރު ނަސީރު ވިދާޅުވިއެވެ.
ގަވަރުނަރު ވިދާޅުވީ ޓެކްނޮލަޖީއާއެކު ބޭންކިންގެ ދާއިރާ އެހެން ހަރުފަތަކަށް ގޮސްފައިވާކަމަށެވެ. ޑިޖިޓަލް ރިވޮލިއުޝަންއާއެކު މާލީ ދާއިރާ ބޮޑެތި ބަދަލުތައް އަންނަމުންދާކަންވެސް ގަވަރުނަރު ފާހަގަކުރެއްވިއެވެ.
"ޓެކްނޮލަޖީއަށް އަންނަ ބަދަލާއެކު މާލީ ދާއިރާތައް ކުރިއަށްް ދިއުމަށް ފުރުސަތު އެބައޮތް. ކޮމްޕިއުޓަރު ޓެކްނޮލަޖީ، ކްރިޕްޓޯ ޓެކްނޮލަޖީ، އާޓިފިޝަލް އިންޓެލިޖެންސް އަދި މޯބައިލް ފޯނު ބޭނުންކޮށްގެން ލިބޭ ހިދުމަތްތަކާއެކު ބޭންކިންގެ ދާއިރާ ވަނީ އެހެން ހަރުފަތަކަށް ގޮސްފައި، ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭނުންކުރެވޭނެ، މާލީ ދާއިރާ މިއޮތީ އަތްފޯރާ ފަށުގައި، ފިންގާ ޓިޕްސްގައި،"
ނަސީރު ވިދާޅުވީ މުސްތަގުބަލުގައި ބޭންކުތަކަށް ގޮސްގެން ހިދުމަތް ހޯދުމުގެ ބަދަލުގައި ބޭންކިންގެ ހިދުމަތް ހޯދާނީ އިންޓަނެޓުގެ ޒަރިއްޔާއިން ކަމަށެވެ.
"މުސްތަގުބަުގައި ބޭންކަކަށް ގޮސްގެން ހިދުމަތް ހޯދާކަށް ނުޖެހޭނެ،"
ރާއްޖެ ފަދަ ގައުމަކަށް ޓެކްންނޮލަޖީގެ ސަބަބުން މާލީ ދާއިރާ ކުރިއެރުވުމަށް ފަސޭހަވެފައިވާ ކަމަށާއި ޖަޒީރާ ގައުމަކަށްވުމުން ކުރިމަތިވާ ގޮންޖެހުންތައް ނައްތާލެވިފައިވާކަމަށް ގަވަރުނަރު ވިދާޅުވިއެވެ
"މޯބައިލް ހިދުމަތާއެކު، ރަށްރަށުގައި ހިދުމަތް ހޯދާ ފަރާތްތަކަށް ދައްޗެއްނެތި ހިދުމަތް ލިބޭ، މިދިޔަ އަހަރު ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ މުޅި ގައުމަށް މޮބައިލް ބޭންކިންގެ ހިދުމަތް ފެށުން،" ގަވަރުނަރު ވިދާޅުވީ މި ދާއިރާގައި ކުރިއަށް ދިއުމަށް އަދިވެެސް ގިނަ ފުރުސަތުތައް އެބަހުރި ކަމަށެވެ.