އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މާދަމާ ހަވީރު ބާއްވާ ގޮތަށް ހަމަޖެހިފައިވާ އިރު، މިއަދާއި މާދަމާގެ އެކި ވަގުތުތަކުގައި މާލޭގެ ބައެއް މަގުތަކާއި ސިނަމާލެ ބްރިޖު ބަންދުކުރާނެކަމަށް ޓްރެފިކް ޕޮލިހުން ބުނެފިއެވެ.

ގަލޮޅު ގައުމީ ފުޓުބޯޅަ ދަނޑުގައި ބާއްވާ ރަސްމިއްޔާތަށް ވާންޖެހޭ ތައްޔާރީތައް ވަމުން ދާ އިރު، ޓްރެފިކް ޕޮލިހުން ބުނެފައިވަނީ މިއަދާއި މާދަމާ މެންދުރު 2:00 އިން ރޭގަނޑު 7:00 އާ ހަމައަށް، ގަލޮޅު ދަނޑުގެ ވަށައިގެންވާ ބައެއް މަގުތަކާއި، އިއްޒުއްދީން ފާލަމާ ދިމާލުން ބޮޑުތަކުރުފާނުމަގާއި އެ ދިމާއަށް ދާން އޮންނަ ބައެއް މަގުތައް ބަންދުކުރާނެ ކަމަށެވެ.

މީގެ އިތުރުން ބޮޑުތަކުރުފާނުމަގު، ބޭންކް އޮފް މޯލްޑިވްސްއިން ފެށިގެން ދަރުބާރުގެއާ ހަމައަށް؛ މަޖީދީމަގު، ސޯސަންމަގުން ފެށިގެން އާޓިފިޝަލް ބީޗާ ހަމައަށް، އަދި ސިނަމާލެ ބްރިޖުވެސް މި ދެ ދުވަހު އެކި ވަގުތުތަކުގައި ބަންދުކުރާނެ ކަމަށް ޓްރެފިކް ޕޮލިސްއިން ބުނެފައިވެއެވެ. މި ސަރަހައްދުތައް ބަންދުކުރާނީ މިއަދާއި މާދަމާ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 7:00 އާ ދެމެދު އެކި ވަގުތުތަކުގައި ކަމަށް ޓްރެފިކް ޕޮލިސްއިން ބުންޏެވެ.

ސެޕްޓެމްބަރު 23 ވަނަ ދުވަހު އޮތް އިންތިހާބު ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހާއި ރަނިންގް މޭޓު ފައިސަލް ނަސީމް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާއި އޭނާގެ ނައިބުގެ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރުއެވެ. ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 5:00 ގައެވެ.

ދައުވަތު އެރުވިގެން އެ ޖަލްސާއަށް ދާ މީހުން ޖަލްސާއަށް ވެއްދުމުގެ ކަންކަން، މެންދުރުފަހު 3:30 އިން ފެށިގެން ހަވީރު 4:30 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އެ ރަސްމިއްޔާތު އިންތިޒާމުކުރާ ރައްޔިތުންގެ މަޖިލީހުން ބުންޏެވެ. އެ މަޖިލީހުން ވަނީ، ދައުވަތު އެރުވިގެން ޖަލްސާއަށް ދާ ފަރާތްތައް ވީހާވެސް ކުރިން ދިއުމަށް އިލްތިމާސްކޮށްފައެވެ.

މާދަމާގެ ރަސްމިއްޔާތުގައި ބޭރު ގައުމުތަކުގެ އިސް މަންދޫބުންވެސް ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ އިރު، ބޭރުގެ އެންމެ އިސް ވެރިއަކަށް ވަޑައިގަންނަވާނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއެވެ. މިއީ މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.