އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާދަމާ ހުވާކުރުމަށް ބާއްވާ ރަސްމިއްޔާތަށް ވީހާވެސް އަވަހަށް ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުން އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިރޭ ނެރުނު ބަޔާނުގައި ބުނީ ހުވާ ކުރުމުގެ ޖަލްސާއަށް ގިނަ ބަޔަކަށް ދައުވަތު އަރުވާފައިވާކަމަށެވެ. އެހެންކަމުން އެންމެ ފަހު ގަޑިއަށް ވަޑައިގަތުމަށް މަޑުނުކޮށް ވީހާވެސް އަވަހަށް އެ ބޭފުޅަކަށް ހާއްސަކުރެވިފައިވާ ސަރަހައްދުގައި އިށީނދެ ވަޑައިގަތުމަށް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.

އިބޫ ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖައްސައިފައިވަނީ މާދަމާ ހަވީރު ގަލޮޅު ދަނޑުގައެވެ. އަދި ދައުވަތު އެރުވިފައިވާ ބޭފުޅުން ދަނޑަށް ވައްދަން ކަނޑައަޅާފައިވަނީ މެންދުރު ފަހު 03:00 އިން ފެށިގެން ހަވީރު 04:30 އާ ހަމައަށް ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

އެ ރަސްމިއްޔާތަށް ވަޑައިގަންނަވާ ބޭފުޅުން ކުލަ ކާޑުކޮޅެއް ވަނީ އަރުވައިފައެވެ. އަދި އެ ކާޑުކޮޅު ރަސްމިއްޔާތަށް ވަޑައިގަންނަވާއިރު ގެންނަން ޖެހޭނެ ކަަމަށްވެސް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ގިނަ އަދަދެއްގެ ގައުމުތަކުގެ އިސްވެރިން ބައިވެރިވެލެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން ސްރީލަންކާގެ ކުރީގެ ރައީސާ ޗަންދުރިކާ ކުމާރަތުންގާ ހިމެނިވަޑައިގަންނަވައެެވެ.