14:30


ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އިމާރާތެއް ވެއްޓި އެއިމާރާތް ދަށުވެ 20 މީހުން މަރުވެއްޖެ އެވެ.


ބަންގްލަދޭޝްގެ ފުލުހުން މައުލޫމާތު ދޭ ގޮތުގައި ވެއްޓުނު އިމާރާތަކީ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ އެޕާޓްމެންޓް ބިލްޑިންގް އެކެވެ. އަދި މިއިމާރާތް ވެއްޓުމުގެ ސަބަބުން 20 މީހުން މަރުވެފައިވާއިރު ހަތަރު މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށާއި އިތުރު 25 މީހަކު ޒަޚަމްވެފައިވާ ކަމަށް ވެސް އެފަރާތުން ބުނެ އެވެ.


ބަންގްލަދޭޝްގެ ފުލުހުން އިތުރަށް ބުނެފައިވަނީ އިމާރާތުގެ ދަށުގައި އަދިވެސް ގިނަ ބަޔަކު ތިބޭނެ ކަމަށް ބެލެވޭ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މަގުމައްޗަށް ވެއްޓިފައިވާ ކަރަންޓު ވައިރުތަކާއި ލީކްވަމުންދާ ގޭސް ހޮޅިތަކުގެ ސަބަބުން އެމަސައްކަތަށް ހުރަސް އެޅިފައިވާ ކަމަށް ވެސް އެފަރާތުން ބުނެ އެވެ.


މިކަމާ ގުޅިގެން ޑާކާގެ އޮފިޝަލަކު ބުނެފައިވަނީ މިއިމާރާތް ވެއްޓިފައިވަނީ އިމާރާތަށް އެއް ބުރި އިތުރުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. ނަމަވެސް ރިޕޯޓުތަކުން ދައްކާ ގޮތުގައި މިއިމާރާތުގެ ވެރިޔާ އަށް އިމާރާތް އުސްކުރުމުގެ ހުއްދަ ސަރުކާރުގެ ފަރާތުން ލިބިފައެއް ނުވެ އެވެ.


10 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޑާކާގައި އިމާރާތްކުރުމުގެ ގާނޫނުތައް ތަންފީޒުނުކުރެވުމުގެ ސަބަބުން މިފަދަ ހާދިސާތައް ހިނގުން ވަނީ އާންމު ކަމަކަށް ވެފަ އެވެ.