15 Nov 2018, 20:48
ރައީސް ޔާމިންގެ ސަރުކާރުން މިދިޔަ ރިޔާސީ އިންތިހާބު ތެރޭ "ވިލިމާލެ2" މަޝްރޫއުގެ ދަށުން އަޅާނެ ކަމަށް އިއުލާން ކުރި މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ބުުރިޖްގެ މައްސައްކަތުގެ ފީސެބިލިޓީ ސްޓަޑީ މިހާރު ނިމިފައިވާ ކަމަށާއި އެ މަސައްކަތަށް 400 މިލިއަނެއްހާ ޑޮލަރު ހަރަދުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު އެ މިނިސްޓްރީގައި އޮތް މުއިއްޒުގެ ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ވޭތުވެދިޔަ ފަސް އަހަރު ހިންގި މަޝްރޫއުތަކާއި ހިންގަމުންދާ އަދި ކުރިއަށް ރާވާފައި ހުރި މާޝްރޫއުތަކުގެ މައުލޫމަތު ދެއްވަމުން ވިދާޅުވީ، އެ ހަތަރު ރަށް ބުރިޖަކުން ގުޅުވާލުމަށް ހަދަން ޖެހޭ ހުރިހާ ފީސެބިލިޓީއާއި ކޮންސެޕްޓް ޑިސައިންތައް އޭބީޑީގެ އެހީގައި އޭގެ ތަފްސީލު ރިޕޯޓު ހަދާ ނިމިފައިވާ ކަމަށެވެ.
"ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން މުއިއްޒު ވިދާޅުވީ މާލެއާ އެ ތިން ރަށް ގުޅުވާލުމަށް 400 މިލިއަން ޑޮލަރަށް ވުރެ ބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
"އެއީ ތިން ބުރިޖެއް. މާލެއިން ވިލިނގިލިއްޔަށް، ވިލިނގިލިން ގުޅީފަޅަށް، އަދި ގުޅީފަޅުން ތިލަފުއްޓަށް. ވިލިނގިލި ހުރަސްކޮށް މަގެއްވެސް އަންނާނެ، ގުޅީފަޅުގެ އަރިމަތިންވެސް މަގެއް ދާނެ، ތިލަފުށީގައިވެސް ކޮޅުން ފެށިގެން އަނެއް ކޮޅަށް ނުވަތަ އިންޓަނޭޝަނަލް ޕޯޓް އަޅާ ސަރަހައްދަށްވެސް މަގެއް އިނދޭ. ތިން ބުރިޖާއި ހުރިހާ މަގުތަކެއް އެކުލެވޭގޮތަށް އަޅުގަނޑު ހަނދާންވަނީ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރަށްވުރެ ގިނަވާނެ،" އެ ބުރިޖަށް ކިހާ ވަރެއް ހަރަދުވާނެ ތޯ އެއްސެވުމުން މުއިއްޒު ވިދާޅުވިއެވެ.
މާލެއާއި މި ތިން ރަށް ގުޅުވާލުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައެއް ރައީސް ޔާމިން މި ވަނީ ނިންމަވާފައި ކަމަށާއި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމެއްގައި މި މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.