15 Nov 2018, 18:29
މާލޭގެ ގެއެއްގެ ހަތަރު ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ވެއްޖެއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އަލިފާން ރޯވެފައި ވަނީ މއ. ސެމީ ޑީލް ގޭގެ ހަތަރު ވަނަ ފަންގިފިލާގައި ހުރި ގުދަނެއްގެ ގޮތުގައި ބޭނުންކުރާ ތަނެއްގައި ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ހަވީރު 17:35 ގައި ލިބުމާއެކު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ.
އެ އިމާރާތަކީ 10 ބުރީގެ އިމާރާތެއް ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އަލިފާނުގެ އަސަރު އެގޭގެ ތިން ވަނަ ފްލޯއަށް ވެސް ފެތުރުނެވެ. އަދި އަލިފާން ރޯވި ގުދަނުގެ ތެރެއިން އެއްޗިހިތަކެއް ގޮވާ އަޑު އިވެމުން އެވަގުތު އިވުނު ކަމަށް އާޒިމް ވިދާޅުވިއެވެ.
ދުމުގެ އަސަރު ކުރި ތިން ސިފައިންގެ މީހަކަށް ސެހެނެހިޔާ ހޮސްޕިޓަލްގައި ފަރުވާދީފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އާޒިމް ވިދާޅުވީ ރޯވި އަލިފާން މިހާރު މުޅިން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އަލިފާން ރޯވި ސަރަހައްދު އިތުރަށް ޗެކްކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލު އަދި ނުލިބެއެވެ.