އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

އާސިމް ވަޒީފާއިން ވަކިކޮށްފައި ވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން މިއަދު ވަނީ ބާތިލް ކޮށްފައެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އާސިމް އެ ކޮމިޝަންގެ އޭނާ އާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމާއި އިލެކްޝަންސް ކޮމިޝަންގެ ގަވާއިދާއި ޚިލާފަށް ކަމަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު އާސިމް މަގާމުން ވަކިކުރި ދުވަހުން ފެށިގެން އޭނާ އާއި އެ ކޮމިޝަނާ ދެމެދު އޮތް ވަޒީފާގެ އެއްބަސްވުމުގެ ބާކީ އޮތް މުއްދަތަށް ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބެން އޮތް ފައިސާ އަކީ އޭނާއަށް ލިބެންޖެހޭ ފައިސާ ކަމަށެވެ.

އެހެންކަމުން އެ ފައިސާ މިއަދުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭހައި ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ވަނީ އަންގާފައެވެ.