ރިޔާޟު (ނޮވެމްބަރު 15): ސައުދީ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލަން އެންގެވީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ނޫން ކަމަށް އެގައުމުގެ އެޓާނީ ޖެނެރަލް ސައުދު އަލް މުޖިބު ވިދާޅުވެއްޖެ އެވެ.

ރިޔާޟުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން މުޖިބު ވިދާޅުވި ގޮތުގައި ހާޝުގްޖީ މަރާލި މީހުން ވަނީ އޭނާ މަރާލުމުގެ ރޭވުން ސެޕްޓެމްބަރު 29ގައި ފަށާފަ އެވެ. އެއީ ހާޝުގްޖީ މަރާލުމުގެ ތިން ދުވަސް ކުރިންނެވެ.

މުޖިބު ވިދާޅުވި ގޮތުގައި ހާޝުގްޖީ މަރާލުމުގައި ބައިވެރިވި އެންމެ އިސް އޮފިޝަލަކީ ކުރީގެ ޑެޕިއުޓީ އިންޓެލިޖެންސް ޗީފް އަހުމަދު އަލް އަސިރީ އެވެ.

މުޖިބު ވިދާޅުވި ގޮތުގައި އެމައްސަލައިގައި މިހާތަނަށް 21 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި 11 މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފައި ކަމަށާއި ސައުދީން ބޭނުންވަނީ އޭގެ ތެރެއިން ފަސް މީހަކަށް މަރުގެ އަދަބު ދިނުމަށް ކަމަށް މުޖިބު ވިދާޅުވި އެވެ.

ސައުދީން އެފަދައިން ބުނެފައި ވަނި ހާޝުގްޖީ މަރާލުމުގައި ބައިވެރިވި މީހުންގެ ޝަރީއަަތް ތުރުކީގައި ކުރިއަށް ގެންދިޔުމަށް އެގައުމުން ގޮވާލު ފަހުންނެވެ.

މިދިޔަ މަހުގެ ދެވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓު ތެރޭގައި މަރާލި ހާޝުގްޖީގެ ހަށިގަނޑު އަަދިވެސް ފެނިފައި ނުވެ އެވެ.

ތުރުކީގެ ރައީސްގެ މޫޝީރަކު ވަނީ ހާޝުގްޖީ މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ކޮށާލައި، އެސިޑަށް އަޅައި ނައްތާލާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.