ކޯލިޝަނުގެ ހަތަރު ލީޑަރުންނާއި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމްއާ އެކު މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް ސުވާލު ކުރަން ފުރުސަތު ނުދީ ނިންމާލައިފި އެވެ.

ހާމަކޮށް ބޮޑުކޮށް މައުލޫމާތު ހާމަ ކުރާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބަށް ކެމްޕެއިން ކުރެއްވި އިރު ވިދާޅުވި އެވެ. އަދި އޭގެ ފަހުން 'ސަން' އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައިވެސް ވިދާޅުވި އެވެ.

އިންތިހާބީ ރައީސް އެހެން ވިދާޅުވި ނަމަވެސް އެމަނިކުފާނު އިންތިހާބުވެ ވަޑައިގެންނެވި ކޯލިޝަނުގެ ލީޑަރުންގެ މެދުގައި ހަދާފައިވާ ޑީލްތައްވެސް މިހާތަނަށްވެސް އާންމުކޮށްފައެއް ނުވެ އެވެ.

މިއަދުގެ ބައްދަލުވުމަށް ފަހު އެބޭފުޅުން ދައްކަވަން ބޭނުންފުޅުވާ ވާހަކަތައް މީޑިއާ ހިއްސާ ކުރެއްވުމަށް ފަހު ނޫސްވެރިނަށް ފުރުސަތު ނުދީ ބައްދަލުވުން ނިންމަވާލެއްވި އެވެ.

"މިހާރުން މިހާރަށް ކުރަންޖެހޭ އެއް ކަމެއްގެ ގޮތުގައި ކެބިނެޓް އެކުލަވާލުމާ ގުޅޭ ގޮތުން މަޝްވަރާކޮށް އެއަށްވެސް މިއަދު ވަނީ ގޮތްތަކެއް ނިމިފައި." އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް އެހެން ވިދާޅުވި އިރު އެ ނިމުނު ގޮތަކީ ކޮބާ ކަމެއް ސާފުކޮށެއް ނުދެއްވަ އެވެ. އަދި ކޯލިޝަނުގެ މެދުގައި ސަުކާރުގެ ކެބިނެޓް ބަހާފައިވަނީ ކޮން އުސޫލަކުން ކަމެއްވެސް ރައްޔިތުންނަކަށް ނޭންގެ އެވެ.

އިންތިހާބީ ރައީސްގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވަނީ ކޯލިޝަނުގެ މެދުގައި ކެބިނެޓް ބެހި ގޮތާ ބެހޭ މައުލޫމާތު ދެއްވާނީ އެ ޕާޓީތަކުން ކަމަށެވެ. ނަމަވެސް ޕާޓީތަކުން މިހާތަނަށް އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކުރައްވާފައެއް ނުވެ އެވެ.

ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި މުހިންމު ވާހަކަތަކެއް ކުރިއަށް ގެންދެވުނު ކަމަށެވެ. ނަމަވެސް އެއީ ކޮން ވާހަކަތަކެއް ކަމެއްވެސް ރައްޔިތުންނަކަށް ނޭންގެ އެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 'ސަން' އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ކަމަށެވެ.

"މި ސަރުކާރު ވެގެން ދާނީ މައުލޫމާތު ހިއްސާކުރާ ސަރުކާރަކަށް. އިސްވެ އަޅުގަނޑުމެން ހާމަކުރާނަން،" އިބޫ ވިދާޅުވި އެވެ.

ކޯލިޝަނުގެ ލީޑަރުންގެ މެދުގައި ވެފައިވާ އެއްބަސްވުން ރައްޔިތުންނަށް އެނގެން ޖެހެ އެވެ. ކޯލިޝަނުގެ ލީޑަރުންގެ މެދުގައި ބައްދަލުވުންތަކެއް ކުރިއަށްދާނަމަ އެކަމާ ނޫސްވެރިންނަށް ސުވާލު ކުރެވެން ޖެހެ އެވެ. އެ ފުރުސަތު ނޫސްވެރިންނަށް ލިބެންވެސް ޖެހެ އެވެ.

ހަގީގަތުގައި ކޯލިޝަނުގެ ލީޑަރުންގެ މެދުގައި ކޮންމެ އެއްބަސްވުމެއް އޮތް ނަމަވެސް އެކަން ރައްޔިތުންނާ އެނގެން ޖެހެ އެވެ. އެއީ ރައްޔިތުންނާ ގުޅުން ހުރި ބޮޑެތި ކަންކަމެވެ. އިބޫ ވެރިކަމަށް އިންތިހާބު ކުރީ ރައްޔިތުންގެ ވޯޓު ދީގެންނެވެ.