15 Nov 2018, 16:20
ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަކޮށްގެން އާ ރަށުގައި ގެކޮޅެއް ހެދީ ސީއެސްއާރުގެ ދަށުން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
އާރަށުގައި އިމާރާތްކޮށްފައިވާ ގެކޮޅެއްގެ ފޮޓޯ ސޯޝިއަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެގެކޮޅާ ބެހޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ އެ ގެކޮޅަކީ ސިފައިންގެ ތަނެއް ކަމަށެވެ.
މިއަދު ޑިފެންސް މިނިސްޓަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގެކޮޅާ ބެހޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ އާރަށުގައި އެ ގޮޅު އިމާާރާތް ކުރީ ސިފައިން ކަމަށެވެ. އެ ގެކޮޅު އިމާރާތް ކުރީ ރައީސް އޮފީހުން އެދިގެން ކަމަށް ވެސް އާދަމް ޝަރީފު ވިދާޅުވި އެވެ.
"އެތަނުގައި އަޅުގަނޑުމެން ކުރާ އިމާރާތްތަކާއި އަދި އެތަނުގައި އަޅުގަނޑުމެން މި ހިންގާ ކަންތައްތަކަކީ އޭގެ ޒާތުގައި އަބަދު ވެސް އޭރުގައި ވަޑައިގަންނަވާ ވެރިއަކު އެތަން ބޭނުން ކުރުމަށް ޓަކައި ތައްޔާރު ކުރެވޭ ތަނެއް." އާދަމް ޝަރީފު ވިދާޅުވި އެވެ.
އާރަށުގައި ކުރެވުނު ހުރިހާ ކަމެއް ކުރެވުނީ އެމްއެންޑީއެފް އާއި ރައީސް އޮފީސް ގުޅިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ގެކޮޅަށް ހަރަދު ކުރެވުނީ ސީއެސްއާރުގެ ދަށުން ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.
"އެކަން ކަމަށް ދިޔަ ހަރަދާއި އެކަންކަމުގެ މައުލޫމާތު އަޅުގަނޑުމެން ޖެހޭނީ އެމްއެންޑީއެފުން އިތުރަށް ސާފުކޮށްލަން." އާދަމް ޝާރީފު ވިދާޅުވި އެވެ.
އާރަށަކީ ވެރިކަމުގައި ހުންނަވާ ރައީސުންނަށް ހާއްސަ ރަށެކެވެ. ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުން ފެށިގެން އެ ރަށަކީ ރައީސުންގެ މުނިފޫހި ފިލުވައިލުމަށް ހާޢްސަވެފައި އޮތް ރަށެކެވެ. އެ ރަށް ބަލަހައްޓަނީ ސިފައިންނެވެ.