15 Nov 2018, 16:55
ރައީސް އޮފީހުގެ ސޯޝަލް އެފެއާޒް ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި މުހައްމަދު ޣައްސާން މައުމޫން، އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޣައްސާން މިއަދު ވަނީ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އަރުވައިފަ އެވެ. ރައީސް ޔާމީން ރާއްޖެއަށް ގެނެސްދެއްވި ބޮޑު ތަރައްގީ ފާހަގަކުރައްވައި، އެމަނިކުފާނުގެ ޒައާމަތުގައި އެފަދަ އަގުހުރި މަގާމެއް އަދާކުރުމުގެ ފުރުސަތު ލިބުމުން އެކަމަށް ޓަކައި ވަނީ ޣައްސާން ވަނީ އެމަނިކުފާނަށް ޝުކުރު ދަންނަވާފަ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޣައްސާންގެ އިތުރުން އޭނާގެ ދައްތަ ޔުމްނާ އާއި ދުންޔާ މައުމޫން ވެސް ވަނީ ސިޔާސީ އިސް މަގާމުތަކެއް ފުރުއްވައިފަ އެވެ. އެގޮތުން ޔުމްނާ އެޑިއުކޭޝަންގެ މިނިސްޓްރީގެ ނައިބު ކަމުގެ މަގާމު ފުރުއްވިއިރު އަދި ދުންޔާ ވަނީ ފޮރިން މިނިސްޓަރުގެ މަގާމުގެ އިތުރުން ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމު ވެސް ވަނީ ފުރުއްވައިފަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖަލުގައި ހުންނެވި އިރު ވެސް ދަރިކަލުން ގައްސާން ރައީސް ޔާމީންގެ ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވުމުން ގިނަ ބައެއްގެ ފާޑުކިއުން އޭނާއަށް އަމާޒުވި އެވެ.
އަންނަ ހޮނިހިރު ދުވަހު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވުމަށް ތައްޔާރުވަމުންދާއިރު، ސަރުކާރުގައި ތިިއްބެވި ބޭފުޅުން މިހާރު ވެސް ދަނީ އިސްތިއުފާ ދެއްވަމުންނެވެ. އެގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ ކަމުގައި ހުންނެވި އަބްދުއްރައްޒާގު ހަލީމާއި އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އިބޫ ހުވާކުރެއްވުމަށް ތައްޔާރުވަމުންދާއިރު އެމަނިކުފާނުގެ ކެބިނެޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން އިބޫގެ ސަރުކާރުގައި އާ ހަތަރު މިނިސްޓްރީއަކާ އެކު 19 މިނިސްޓްރީއެއް ވަނީ އުފެއްދުމަށް ނިންމައިފަ އެވެ.