ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގުގެ ހައިސްޕީޑް ފައިބާގެ ހިދުމަތާއި ދިރާގު ޓީވީގެ ހިދުމަތް ގދ. ގައްދޫގައި މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

ދިރާގުން ބުނީ، ގދ. ގައްދޫގެ ގޭބިސީތަކާއި އަދި ވިޔަފާރިތަކަށް އެ ހިދުމަތް ފުރިހަމަޔަށް މިހާރު ލިބެމުންދާނެ ކަމަށެވެ. އަދި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތް ކަމުގައިވާ ދިރާގު ޓީވީގެ ޚިދުމަތް ވެސް މިހާރު ގައްދު އަށް ލިބޭނެ ކަމަށެވެ.

ފައިބާ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތް ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ފައިބާގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގައި 2016 ވަނަ އަހަރުން ފެށިގެން ފައިބާ ޓު ދަ ހޯމްގެ ހިދުމަތް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން 40 ރަށަކަށް ވަނީ ފޯރުކޮށްދީ ނިމިފަ އެވެ.

ދިރާގުން ވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ވެސް ފަށަައިފަ އެވެ. އެ ޕްރޮމޯޝަނުގައި ގެއަށް ފައިބާ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ތިން މަސް ދުވަސް ވަންދެން، ނަންގަވާ ކޮންމެ ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެ ޕްރޮމޯޝަން ކުރިއަށް ދާނީ މި ހިނގާ ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށް ވެސް ބުންޏެވެ.

ދިރާގުން ބުނީ، އެކުންފުނިން އަބަދު ވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދު ވެސް މަސައްކަތް ދިރާގުން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް އެކުންފުނިން ދެ އެވެ.