27 Sep 2011, 14:02
ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޝަންގެ ކުޅުން އިއްޔެ ފެށިއިރު، ފުރަތަމަ ތިން މެޗް ކާމިޔާބުކޮށް، ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ޕޮލިސް ފެމިލީ އެސޯސިއޭޝަން އަދި ކުޑަ ހެންވާރު ޔުނައިޓެޑްގެ ފެށުން ރަނގަޅުކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި އިއްޔެ ފެށި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރި ދެ ޓީމަކީ ގްރޫޕް އޭގެ ދެ ޓީމް ކަމަށްވާ، ފެލިދޫ ނިއު ޖެނެރޭޝަން އާއި ކަސްޓަމްސް އެވެ. މިމެޗް ތިން ސެޓް ދެ ސެޓުން ކާމިޔާބުކުރީ ކަސްޓަމްސް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކަސްޓަމްސްގެ މުހައްމަދު ޝިހާމެވެ.
ދެ ވަނަ މެޗްގައި ބައްދަލު ކުރީ ވެސް ގްރޫޕް އޭގެ ދެ ޓީމެވެ. މިމެޗް ކާމިޔާބު ކުރީ ޕޮލިހެވެ. އެސޯސިއޭޝަން ފޯ ނިލަންދޫ ޔޫތާ ބައްދަލުކޮށް ޕޮލިސް މޮޅުވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ޕޮލިސް ގެންދިޔައީ 25-12، 25-8 އަދި 25-17 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިހުގެ އަލީ މައުރޫފެވެ.
މުބާރަތުގައި ރޭ ކުޅުނު ފަހު މެޗްގައި ބައްދަލުކުރި ދެ ޓީމަކީ، ގްރޫޕް ބީ ފަޅިން ވާދަކުރާ ކްލަބު ރާވެރިޔާ އާއި ކުޑަހެންވޭރެވެ. މިމެޗް ސީދާ ތިން ސެޓުން ކާމިޔާބު ކުރި ކުޑަހެންވޭރެވެ.
މުބާރާތުގައި މިއަދު ވެސް ތިން މެޗް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މިއަދު ކުޅެނީ ގްރޫޕް ބީގެ ދެ މެޗާއި ގްރޫޕް އޭގެ އެއް މެޗެވެ.
އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ އެންމެ މޮޅު ދެ ޓީމް، ފުރަތަމަ ޑިވިޝަނަށް ކޮލިފައިވާނެ އެވެ.
ފުރަތަމަ ޑިވިޝަންގައި ވާދަކުރާނީ ޖުމްލަ އަށް ޓީމެވެ. އަދި ފުރަތަމަ ޑިވިޝަނަގެ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.