ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް ވާދަ ކުރައްވަން ނިންމަވައި އެކަން އިއުލާނު ކުރައްވައިފި އެވެ.

މިއަދު ކޯސްޓްގާޑް ބިލްޑިންގްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް ޝަރީފު ވިދާޅުވީ ގައުމަށް ހިދުމަތް ކުރުމަށް އަދިވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށެވެ.

އެގޮތުން ޕީޕީއެމުން މަޖިލީހުގެ މެމްބަރު ކަމަށް ވާދަކުރުމަށް ނިންމާފައިވާ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުން އާދަމް ޝަރީފު ވާދަ ކުރައްވަނީ ރ. މަޑުއްވަރި އަދި މީދޫ ހިމެނޭ މަޑުއްވަރީ ދާއިރާ އަށެވެ.

ޕީޕީއެމުން އަދި މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެބޭފުޅުން ކުރިއަށް ގެންދަވާ މަސައްކަތާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

އެނގިފައިވާ ގޮތުން ފެށޭ ހަފްތާގައި ޕީޕީއެމުން ދާއިރާތަކަށް ވާދަކުރާ މެމްބަރުންގެ މައުލޫމާތު އާންމު ކުރާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނެ ކަމަށްއިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވަނީ ފެށޭ އަހަރުގެ މާޗު މަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނެ ކަމަށް މިހާރު ގިނަ ފަރާތްތަކުން ދަނީ އިއުލާނު ކުރަމުންނެވެ. އެގޮތުން ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު ވެސް ވަނީ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވައިފަ އެވެ.