15 Nov 2018, 14:31
ތިންސަތޭކަ މީހުން ހައްޖަށް ދާން އެޑްވާސްކޮށް ހައްޖު ކޯޕަރޭޝަނަށް ދައްކާފައި ހުރި ފައިސާ އެ ކޯޕަރޭޝަން އިން އެހެނިހެން ކަންތައްތަކަށް ބޭނުންކޮށްފައިވާ ކަމަށް ޓްރާސިޝަން ކޮމިޓީ އިން ތުހުމަތުކޮށްފި އެވެ.
ޓްރާންސިޝަން ކޮމިޓީގެ ސަބް ކޮމިޓީ އިން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ 300 މީހުން ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަނަށް ދައްކައިފައިވާ ފައިސާގެ ތެރެއިން 30 މިލިއަން ރުފިޔާ އެ ކޯޕަރޭޝަނުން ބޭނުންކޮށްފައިވާ ކަމަށެވެ.
"[މީހުން ހައްޖަށް ދާން ދައްކާފައި ހުރި] ޖުމްލަ ފައިސާގެ ތެރެއިން ގާތްގަޑަކަށް 30 މިލިއަން ރުފިޔާ ވަނީ [އެކުންފުނިން] ހަރަދުކޮށްފައި. އެއްލަކަ ރުފިޔާގެ ރޭޓުން ބެލި ކަމުގައި ވިޔަސް 300 މީހުންނަށް ހައްޖަށް ނުދެވޭނެ. އެހެން ވީމާ އެކުންފުނިން އެވަނީ މުސްތަގުބަލުގައި ހައްޖަށް ދާން ފައިސާ ދައްކާފައި ހުރި މީހުންގެ ފައިސާ ބޭނުން ކޮށްފައި،" އާދަމް އާޒިމް ވިދާޅުވި އެވެ.

މިއަދު ޓްރާންސިޝަން ކޮމިޓީގެ ސަބް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ/އަހްމަދު އަވްޝަން އިލްޔާސް
އޭނާ ވިދާޅުވީ އެ ބޭފުޅުންނަށް ހައްޖު ކޯޕަރޭޝަނުން ލިބިފައި ވަނީ ވަރަށް މަދު މައުލޫމަތެއް ކަމަށާއި ޖުމްލަ ހައްޖަށް ދާން ފައިސާ ދައްކާފައި ވަނީ ކިތައް މީހުން ކަމެއް ނޭނގޭ ކަމަށެވެ.

ކޮމިޓީ މެމްބަރު، އާދަމް އާޒިން ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/އަހްމަދު އަވްޝަން އިލްޔާސް
އެކޮމިޓީގެ މެމްބަރު އިލްޔާސް ލަބީބު ވެސް ވިދާޅުވީ އެ ފައިސާ ވަނީ އެކި ކަންކަމަށް ބޭނުން ކޮށްފައިވާ ކަމަށާއި އެ ފައިސާ ބޭނުން ކޮށްފައި ހުރީ ކޮން ކަމަކަށް ކަމެއް ނޭނގޭ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން އެ ކޮޕަރޭޝަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަަ އެވެ.