ކޮލަމްބޯ (ނޮވެމްބަރު 15): ސްރީލަންކާގެ ޕާލަމެންޓުގައި މިއަދު މަޖިލީހުގެ ރައީސް ކަރޫ ޖާޔަސޫރީޔާއާ ދިމާލަށް ތަކެތި އުކައި، މާރާމާރީ ހިންގައިފި އެވެ.

ލަންކާގެ ސަންޑޭ ޓައިމްސްގައިވާ ގޮތުން މަޖިލީހުގައި ހަމަނުޖެހުންތައް ފެށުނީ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އިތުބާރު ނެތް ކަމުގެ ވޯޓެއް އަނެއްކާވެސް ނަގަން މެޖޯރިޓީ ލީޑަރު ލަކްޝްމަން ކިރިއެލާ ގޮވާލެއްވުމުންނެވެ.

އޭގެ ސަބަބުން ރާޖަޕަކްސައަށް ތާއިދު ކުރާ މެމްބަރުން ވަނީ މަޖިލީހުގެ ރައީސް ޖާޔަސޫރިޔާ ކައިރިއަށް އެއްވާން މަސައްކަތްކޮށްފައި އެވެ. އަދި ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)އަށް ނިސްބަތްވާ މެމްބަރުންވެސް ޖާޔަސޫރިޔާ ކައިރިއަށް އެއްވުމުންނެވެ.

އެވަގުތު އެއް މެމްބަރަކު ވަނީ ޖާޔަސޫރިޔާއާ ދިމާލަށް ކުނި އަޅާ ވަށިގަނޑެއް އުކައި، މަޖިލީހުގެ ރައީސްގެ މައިކްރޯފޯން ހަލާކުކޮށްފައި ކަމަށް ސަންޑޭ ޓައިމްސްގައިވެ އެވެ. އަދި މައިކްރޯފޯން ހަލާކު ކުރި މެމްބަރު ޑިލަމް އަމުނުގަމާއަށް އަނިޔާވެ، އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެ އެވެ. އަމުނުގަމާއަކީ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ފްރީޑަމް ޕާޓީއަށް ނިސްބަތްވާ މެމްބަރެކެވެ.

ޕާލިމެންޓުގައި ހަމަނުޖެހުން ހިންގަން ފެށުމުން ޖާޔަސޫރިޔާ ވަނީ ބައްދަލުވުން ނިންމަވާލައްވާފަ އެވެ. އަދި މާދަމާ މަޖިލިސް ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށް މަޖިލީހުގެ ރައީސްގެ އޮފީހުން ވަނީ ބުނެފަ އެވެ.

މިދިޔަ މަހުގެ 26ގައި ރައީސް ސިރިސޭނާ ލަންކާގެ ބޮޑުވަޒީރު ކަމަށް ރާޖަޕަކްސަ އައްޔަންކޮށް، މަޖިލިސް ސަސްޕެންޑު ކުރި ފަހުން އިއްޔެ އެގައުމުގެ މަޖިލީހުން ވަނީ ފުރަތަމަ ބައްދަލުވުން ބާއްވާފަ އެވެ. އަދި އެބައްދަލުވުމުގައި ވަނީ ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފަ އެވެ.

ނަމަވެސް ސިރިސޭނާ ވަނީ އެވޯޓު ނަތީޖާ ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ރާޖަޕަކްސަ ވަނީ އެގައުމުގައި އާއްމު އިންތިހާބެއް ބޭއްވުމަށް ގޮވާލައްވާފަ އެވެ.

ނަމަވެސް މިދިޔަ އަންގާރައިގައި ލަންކާގެ ސުޕްރީމް ކޯޓުން ވަނީ މަޖިލިސް އުވާލަން ނިންމި ނިންމުން ބާތިލުކޮށް، ޖެނުއަރީ މަހު އާއްމު އިންތިހާބެއް ބޭއްވުމަށް ކުރަމުންދާ ތައްޔާރީތައް ހުއްޓާލުމަށް އަމުރުކޮށްފަ އެވެ.