15 Nov 2018, 13:21
ޑާކާ(ނޮވެމްބަރު 15) : ބަންގްލަދޭޝްގެ އާންމު އިންތިޚާބު އިތުރު ހަފްތާއަކަށް ފަސްކުރަން ނިންމި ނިންމުން ނުފުދޭކަމަށާއި މަދުވެގެން މަސްދުވަހަށް އިންތިޚާބު ފަސްކުރަންޖެހޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.
ބަންގްލަދޭޝްގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީއާއި އެޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ކުދި ޕާޓީތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިޔަށް އޮތް އާންމު އިންތިޚާބަށް ކޭންޕޭން ކުރަން އިތުރު ވަގުތު ބޭނުންވާކަމަށާއި މަދުވެގެން މަސްދުވަހަށް އިންތިޚާބު ފަސްކުރަންޖެހޭ ކަމުގައެވެ. ނަމަވެސް ބަންގްލަދޭޝްގެ އިލެކްޝަންސް ކޮމިޝަނަރ ކޭ. އެމް ނޫރުލްހުދާ ވިދާޅުވީ އިންތިޚާބު ފަސްކުރެވޭނީ އަންނަ ޑިސެމްބަރު މަހުގެ 23 އިން އެމަހުގެ 30 އަށް ކަމުގައެވެ.
ހަފްތާއަކަށް އިންތިޚާބު ފަސްކުރީ އިންތިޚާބުގައި ވާދަކުރާ އިދިކޮޅު ޕާޓީތަކުގެ އެދުމުގެ މަތިންކަމަށާއި އިންތިޚާބު ބޭއްވުމަށް ނިންމި އައު ތާރީޚަކީ ޑިސެމްބަރު 30 ކަމަށް ކޭ. އެމް ނޫރުލްހުދާ ވިދާޅުވިއެވެ.
ބަންގްލަދޭޝްގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީން ވަނީ ބޮޑުވަޒީރު ޝައިޚް ހަސީނާ ވާޖިދުގެ ޕާޓީގެ މަސްލަޙަތާ އެއްގޮތަށް އިންތިޚާބުގެ ތާރީޚުތައް ހަމަޖައްސަން މަސައްކަތްކުރާ ކަމުގެ ތުހުމަތު ބަންގްލަދޭޝްގެ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކޮށްފައެވެ.
ބަންގްލަދޭޝް އިދިކޮޅު ނެޝަނަލިސްޓް ޕާޓީންވަނީ ހަފްތާއެއްގެ ބަދަލުގައި އެއްމަސްދުވަހަށް އިންތިޚާބު ފަސްކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައެވެ. އެޕާޓީގެ ޒައީމާ ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިޔާ ދިގު މުއްދަތަކަށް ޖަލަށްލާފައިވާއިރު ކުރިޔަށްއޮތް އިންތިޚާބުގައި ޕާލަމެންޓަށް ކުރިމަތިލާނެ ކެންޑިޑޭޓުން އިޚްތިޔާރުކުރުމާއި އެނޫންވެސް ކަންތައްތަކުގައި ނެޝަނަލިސްޓް ޕާޓީއަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.
މިހާރު މިއޮތް ތާރީޚުގައި އިންތިޚާބު ބާއްވައިފިނަމަ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ އަވާމީ ލީގްޕާޓީއަށް ފުރްސަތު ބޮޑުވާނެކަމަށް ނެޝަނަލިސްޓް ޕާޓީން ދެކެއެވެ.
ޝައިޚް ޙަސީނާ ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމުގައި ހުންނަވަނީ 2009 ވަނަ އަހަރުން ފެށިގެންނެވެ. ހަސީނާ މިހާރު މިވަނީ ޖެހިޖެހިގެން ދެ ދައުރު ފުރިހަމަ ކުރައްވާފައެވެ. މިއީ ހަސީނާއަށްވެސް އަދި އެހެން ލީޑަރަކަށްވެސް ކުރީން ލިބިފައިވާ ފުރްސަތެއް ނޫނެވެ. ނަމަވެސް ހަސީނާގެ ވެރިކަމުގައި ބަންގްލަދޭޝްއަށް ސިޔާސީ ހަމަޖެހުން އައިސް ތަރައްގީގެ މަޝްރޫޢުތައް މިފަހަކަށް އައިސް ކުރިޔަށް ނުދާ މިންވަރަށް ކުރިޔަށް ގޮސްފައިވެއެވެ. (ނޫސްއެޖެންސީތައް)