27 Sep 2011, 13:31
އިންޖީނުގެ ޔުޓިލީޓީސް ކުންފުންޏާއި ހަވާލު ނުކޮށްގެން ށ.ފޯކައިދޫގެ ބަޔަކު މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ރޭގެ 8:00 ޖެހުމާ ހަމައަށް ކައުންސިލްގެ އިދާރާ މުވައްޒަފުންނާއެކު ރަހީނު ކުރުމަށްފަހު ރޭ ދޫކޮށްލައިފި އެވެ.
ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު، ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފޯކައިދޫގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ މުވައްޒަފުންނާއެކު ކައުންސިލްގެ އިދާރާ ރަހީނުކުރީ ކައުންސިލުގެ ބައްދަލްވުމުގައި ރަށުގެ އިންޖީނުގެ ޔުޓީލިޓީއަށް ދިނުމަށް ނުފެންނަ ކަމަކަށް ވޯޓު ދިނުމުން އެކަމާ ހިންހަމަ ނުޖެހިގެނެވެ.
ރާޝިދު ވިދާޅުވިގޮތުގައި ކައުންސިލްގެ އިދާރާ ރަހީނުކޮށްގެން ތިބި މީހުން ރޭ އެއިދާރާ ދޫކޮށް ދިޔައީ ކައުންސިލްގެ މެންބަރުންގެ ފަރާތުން މިއަދު 1:30 ގައި އަލުން އިންޖީނުގޭ މައްސަލަ އެޖެންޑާ ކޮށް ވޯޓަށް އެހުމަށް އެއްބަސް ވުމުންނެވެ.
"ރައްޔިތުންގެ ތެރެއިން ކައުންސިލް އިދާރާ ހިސޯރުކުރުމުގައި އިސްކޮށް އުޅުނު މީހުންނާއި ކައުންސިލަރުން ރޭ އެއް މޭޒެއްގެ ދަށުގައި ވާހަކަ ދެއްކުމަށްފަހު، މިއަދު ޖަލްސާއެއް ބޭއްވުމަށް ފުރުސަތު ދިނުމަށް ނިންމީ،" ރާޝިދު ވިދާޅުވި އެވެ. "ކައުންސިލް އިދާރާ ހިސޯރުކޮށްގެން ތިބުމުން އެއްވެސް ކައުންސިލަރަކަށްވަނީ ހަމަނިދި ނުލިބި، އަދި ކައުންސިލްގެ އެއްވެސް މަސައްކަތެއް ނުކުރެވި، ތިބެން ޖެހުމުން މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށް ބުނެ، ކައުންސިލަށް ފުރުސަތު ދިނުމަށް އެދި ވާހަކަ ދެއްކުމުން އެކަމުގައި އިސްކޮށް އުޅުނު މީހުން އެކަމަށް އެއްބަސްވެ އިދާރާ ދޫކޮށްލީ"
މިމަހުގެ 17 ވަނަދުވަހު ފޯކައިދޫ އިންޖީނުގޭ ޔުޓިލިޓީއަށް ދޭން ފެނޭތޯ ނުވަތަ ނޫންތޯ ނެގިވޯޓުގައި އެރަށުގެ 238 އަށް މީހަކު ބައިވެރިވެ އިންޖީނުގޭ ޔުޓިލިޓީއާއި ހަވާލުކުރުމަށް ފެންނަކަމަށް 227 މީހަކުވަނީ ވޯޓް ދީފައެވެ.
އާބާދީގައި 1500 ހާ މީހުން ދިރިއުޅޭ ފޯކައިދޫގައި އިންޖީނުގޭ މައްސަލާގައި ވޯޓްނެގިދުވަހު އެރަށު ޑީ.އާރ،ޕީގެ މެންބަރުން އެވޯޓް ބައިވެރިނުވެ (ބޯއިކަޓް) ކޮށްފައިވާކަން ސަންއަށް ވަނީ ކަށަވަރުވެފައެވެ.
ފޯކައިދޫ ކައުންސިލްގެ މެންބަރުންނަކީ ޑީއާރްޕީގެ މެންބަރުންނެވެ.