އިންޑިއާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ އިންޑިގޯގެ ފުރަތަމަ ފްލައިޓު ރާއްޖެ އައިސްފި އެވެ.

މި ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި ވަނީ މިއަދު ހެނދުނު 7:35 ހާއިރުއެވެ.

ފްލައިޓު ވީއައިއޭގެ ރަންވޭގައި ޖެއްސުމާއެކު ވޯޓާ ސެލިއުޓަކާ އެކު ބޮޑުބެރުގެ ހޫނު މަރުހަބާއެއް ވަނީ ކިޔައިފަ އެވެ.

ފުލައިޓް ވިއޭއައިގައި ޖެއްސުމަށް ފަހު ރިބަން ފަށް ކަނޑައިދެއްވީ، ޝަރަފްވެރި މެހެމާނު އިންޑިއަން ހައިކޮމިޝަނާ، އަކިލޭޝް މިޝްރާއެވެ. އަދި މީގެ އިތުރުން އިންޑިގޯ ކުންފުނީގެ ނައިބު ރައީސް ސީންތިއާ ކްރެބިލް އާއި އެމްއޭސީއެލް ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު ސޯލިހް ވެސް ރިބަން ފަށް ކެނޑުމުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

އިންޑިގޯ އެއާލައިން ރާއްޖެއަށް ދަތުރު ކުރަމަށް ހަމަޖެހިފައި ވަނީ އިންޑިއަގެ ތިން ސިޓީއަކުންނެވެ. އެއީ ކޮޗިން، ބަންގަލޫރު އަދި މުމްބާއި އެވެ.

އެ އެއާލައިން އިން މައުލޫމަތުދޭ ގޮތުގައި ރާއްޖެ އާއި ކޮޗިން އާ ދެމެދު ހަފްތާގެ ކޮންމެ ދުވަހަކު ތަތުރު ކުރާނެ ކަމަށާއި އަދި ރާއްޖެ އާއި މުމްބާއި ދެމެދު ހަފްތާ އަކު ފަސް ފުލައިޓް ޝެޑިއުލް ކުރާނެ ކަމަށެވެ. އަދި ހަފްތާއަކު ދެ ފަހަރު ރައްޖެ އާއި ބެންގަލޫރާ ދެމެދު ދަތުރުތައް ކުރާނެ ކަމަށެވެ.