ފިލްމީ ކެރިޔަރުގައި ފުރަތަމަ ފަހަރަށް މަންމަ އެއްގެ ރޯލު ކުޅޭ ފިލްމު "ޗިޗޯރު"ގެ ޝޫޓިން ބަތަލާ ޝްރައްދާ ކަޕޫރު ފަށައިފި އެވެ.

ޝްރައްދާ އެ ފިލްމުގެ ޝޫޓިން ފެށިކަން ހާމަކޮށް އިއްޔެ ވަނީ ޓްވީޓެއް ވެސް ކޮށްފަ އެވެ. އަދި އެ މަސައްކަތް ފެށުނީތީ ވަރަށް ހިތްހަމަޖެހިގެން ހުރި ކަމަށް އެ ޓްވީޓްގައި ބުނެފައިވެ އެވެ.

ޝްރައްދާ އާއެކު އެ ފިލްމުގެ ލީޑު އެކްޓަރެއްގެ ގޮތުގައި ފެންނާނީ ސުޝާންތު ސިންގް އެވެ. ޝްރައްދާގެ ޅައުމުރުގެ މަންޒަރުތަކެއް ފެންނާނެ އިރު އުމުރުން ދުވަސްވެފައިވާ މަންޒަރުތަކެއް ވެސް އެ ފިލްމުން ފެންނާނެ ކަމަށް ހަބަރުތައް ލިބެ އެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވަނީ އެ ފިލްމުގެ ޕޯސްޓަރެއް ވެސް ބެލުންތެރިންނަށް ދައްކާލައިފަ އެވެ. އެ ޕޯސްޓަރުން ފިލްމުން ފެންނާނެ ބައެއް ކާސްޓުން ވެސް ފެނިގެންދެ އެވެ. "ޗިޗޯރު" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ އޯގަސްޓު މަހުގެ 30 ވަނަ ދުވަހު އެވެ.

ޝަރައްދާ ދެން އެންމެ އަވަހަށް ފެންނާނީ އިންޑިއާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލްގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމުންނެވެ.

އޭނާގެ ދެ ފިލްމެއް ވަރަށް ފަހަކުން ރިލީޒްވެފައިވެ އެވެ. އެއީ "ބައްތީ ގުލް މީޓަރު ޗާލޫ" އާއި "ސްޓްރީ" އެވެ.