15 Nov 2018, 12:07
އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ބާއްވަން ނިންމާފައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 80 މިލިއަން ރުފިޔާ ބަޖެޓު ކުރި ނަމަވެސް، އެ އަދަދުން އިންތިހާބު ބާއްވަން ދަތިވާނެ ކަމަށާއި އެއަށް ވުރެ ބޮޑު ބަޖެޓެއް ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އީސީގެ މެމްބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް "ސަން" އަށް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީގައި އެދިފައި ވަނީ މަޖިލީސް އިންތިހާބަށް 123 މިލިއަން ރުފިޔާ ބަޖެޓު ކުރުމަށް ކަމަށެވެ. އެހެން ނަމަވެސް، މަޖިލީހަށް ފޮނުވާފައިވާ ބެޖެޓުގައި ހިމަނާފައި ވަނީ 80 މިލިއަން ރުފިޔާ އެވެ.
"އަަށްޑިހަ މިލިއަނުން، އިލެކްޝަންސް ކޮމިޝަނުން ތަރުތީބުކޮށްފައިވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގެންދަން ދަތިވާނެ،" އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ 123 މިލިއަން ރުފިޔާއަށް ބަޖެޓު ތައްޔާރު ކުރި އިރު އެކަން ކުރިއަށް ގެންދިޔައީ ފިނޭންސް މިނިސްޓްރީގެ ލަފަޔާ އެކު ކަމަށެވެ. އެހެން ނަމަވެސް، 80 މިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅަން ނިންމީ އީސީގެ މަޝްވަރާއެއް ނެތި ކަމަށް އަކްރަމް ވިދާޅުވި އެވެ.
"ސާޅީސް ތިން މިލިއަން ކުޑަވެފައި މިވަނީ އިންތިހާބީ ބަޖެޓުން. އަޅުގަނޑުމެން އެދެނީ ރައްޔިތުންގެ މަޖިލީހުން ބަޖެޓު ފާސް ކުރައްވާ އިރު މި ކަންކަމަށް ރިއާޔަތްކޮށް، އަޅުގަނޑުމެންނަށް މިކަމުގައި ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް،" އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ، ފިނޭންސުން ފޮނުވި 80 މިލިއަން ރުފިޔާގެ ބަޖެޓު ފުދޭނެތޯ ސާފު ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް މިހާރު އީސީއެއް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، 80 މިލިއަން ރުފިޔާގެ ބެޖެޓަކާ އެކު، މި އަހަރުގެ އިންތިހާބުގެ ކުރިން އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ވެސް ކުރިއަށް ގެންދަން ދަތިވާނެ ކަމަށެވެ. އަދި އެ އިންތިހާބު ބާއްވަން ރޭވީ، ކިއު ދިގު ނުވާނޭ ގޮތަށް ވޯޓު ފޮށިތަކަށް ރެޖިސްޓާ ކުރެވޭ މީހުންގެ އަދަދު މަދުކޮށް ކަމަށާއި، 80 މިލިއަންގެ ބަޖެޓަކުން އެކަން ވެސް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން ކުރިއަށް އޮތް އިންތިހާބުގައި ދާއިރާތައް އިތުރުވެފައިވާ އިރު އެކަމުގެ ސަބަބުން ވެސް ހަރަދު ކުރިއަށް ވުރެ އިތުރުވާނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މައްޗަންގޮޅީ މެދު ދާއިރާގެ ނަމުގަ އާއި ހެންވޭރު ހުޅަނގު ދާއިރާގެ ނަމުގައި އާ ދެ އިންތިހާބީ ދާއިރާ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމައިފަ އެވެ. އެހެން ކަމުން ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި 87 މެމްބަރުން އިންތިހާބު ކުރާނެ އެެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުގައި ނިމިގެން ދިޔަ ރިޔާސީ އިންތިހާބަކީ ވަރަށް ކާމިޔާބު ކަމާ އެކު ބޭއްވި އިންތިހާބެކެވެ. އެ އިންތިހާބަށް ބަޖެޓު ކުރީ 80 މިލިއަން ރުފިޔާ އެވެ.