15 Nov 2018, 11:40
އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުގެ މަގާމުން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްތިއުފާ ދެއްވައިފި އެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަ ކުރެއްވުމަށް ފަހު ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ޑރ. ޝަހީމް އިސްތިއުފާގެ ސިޓީ ހުށަހެޅުއްވީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ.
ޝަހީމް އިސްތިއުފާ ދެއްވާފައި މިވަނީ ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު ނިމެން ދެ ދުވަހަށް ވެފައި ވަނިކޮށެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާ ކުރައްވާނީ ހޮނިހިރު ދުވަހު އެވެ.
ޑރ. ޝަހީމް އިސްލާމިކް މިނިސްޓަރުކަން ކުރެއްވި އިރު، އިސްލާމިކް ޔުނިވާސިޓީ އުފެއްދުމުގެ މަސައްކަތުގައި ވެސް އުޅުއްވި އެވެ. އެ ޔުނިވާސިޓީ އުފެއްދުމަށް ފަހު އެމަނިކުފާނު ވަނީ ވައިސް ޗާންސެލަރު ކަމުގެ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ. އަދި އެމަނިކުފާނު ޗާންސެލަރު ކަމުގެ މަގާމަށް ވަޑައިގެންނެވީ ޑރ. ޒާހިރު ހުސެއިން އެ މަގާމުން ވަކި ކުރުމުންނެވެ.
ރިޔާސީ އިންތިހާބަށް ފަހު ޑރ. ޝަހީމް ވަނީ އަނެއްކާ ވެސް ސިޔާސީ މަސައްކަތްތަކުން ދުރަށް ޖެހިވަޑައިގެންފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެގޮތަށް ނިނެމެވީ ގައުމުގެ ހަމަޖެހުމަށް ޓަކައި ކަމަށެވެ.
ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުން އިސްތިއުފާ ދެއްވުމަށް އިންތިހާާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔަ އަހްމަދު ދީދީ ވަނީ ގޮވާލާފަ އެވެ.