15 Nov 2018, 11:44
އޭޝިއަން ބޭންކިން އެސޯސިއޭޝަން (އޭބީއޭ) ކޮންފަރެންސްގެ 35 ވަނަ ބައްދަލުވުން ކުރުނބާ މޯލްޑިވްސްގައި މިއަދު ފަށައިފި އެވެ.
މިއީ ރާއްޖޭގައި ބާއްވާ ފުރަތަމަ ބޭންކިން ކޮންފަރެންސެވެ. އޭޝިއާ ސަރަހައްދުގެެ ބޮޑެތި މާލީ އިދާރާތަކުގެ ސީއީއޯ އިންނާއި އިސްވެރިން ހިމެނޭ ގޮތަށް 100 އަށް ވުރެ ގިނަ ބައިވެރިންނާ އެކު ފެށި މި ކޮންފަރެންސްގެ ހޯސްޓަކީ ގައުމީ ބޭންކް، ބީއެމްއެލް އެވެ. "ބޭންކިން އިން އޭޝިއާ: ދަ ނެކްސްޓް ފްރަންޓިއާ" މި ޝިއާރުގެ ދަށުން މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ ކޮންފަރެންސްގައި ސަރަހައްދުގައި ބޭންކިންގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.
މި ކޮންފަރެންސްގައި އެންމެ އިސްކަމެއްގެ ގޮތުގައި މަޝްވަރާކުރާނީ ކުރިއަރަމުން އަންނަ ޓެކްނޮލަޖީއާ އެކު މާލީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމާ ގުޅޭ ގޮތުންނެވެ.

35 ވަނަ އޭބީއޭ ކޮންފަރެންސްގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް
ކޮންފަރެންސް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ބޭންކިންގެ ދާއިރާގައި ހުރި ގޮންޖެހުންތަކާ ކުރިއަށް ދިއުމަށް ކުރެވިދާނެ ކަންތަކާ ގުޅޭ ގޮތުން ކޮންފަރެންސްގައި މަސައްކަތް ކުރާނެ ކަމަށެވެ.
"ކުރިއަރަމުންދާ ދުނިޔޭގައި ޓެކްނޮލަޖީއާ އެކު ބޭންކިންގެ ދާއިރާގައި ޓެކްނޮލަޖީގެ އެހީގައި ކުރެވޭނެ ކަންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވި ހިޔާލު ބަދަލުކުރެވޭނެ،"
މި ކޮންފަރެންސްގައި ބީއެމްއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވަނީ ރާއްޖޭގައި ބޭންކިންގެ ދާއިރާ ކުރިއަރަމުން ގޮސްފައިވާ ގޮތާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. ރާއްޖެއަކީ އިންވެސްޓަރުންނަށް ފަހި މާހައުލެއް އޮތްތަނެއްގެ ގޮތުގައި ޝަރީފް ސިފަކުރެއްވި އެވެ. ރާއްޖޭގެ ބޭންކިން ސެކްޓާގައި ހުރި ފުރުސަތުތަކާއި، އައިސްފައިވާ ކުރިއެރުންތައް އޭބީއޭގެ މެންބަރު ގައުމުތަކުގެ ބައިވެރިންނަށް އޮޅުންފިލުވައި ދެއްވަމުން ޝަރީފް ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ބޭންކިން ސެކްޓާ ވެސް ޓެކްނޮލަޖި އާއެކު ކުރިއަރާފައިވާ ކަމަށެވެ. އަދިވެސް ޓެކްނޮލަޖީގެ އެހީގައ ބޭންކިންގެ ދާއިރާ ކުރިއެރުވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް ޝަރީފް ވަނީ ވާހަކަ ދައްކަވައިފަ އެވެ.

35 ވަނަ އޭބީއޭ ކޮންފަރެންސްގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް
"ރާއްޖޭގައި ބޭންކިންގެ ދާއިރާގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ބީއެމްއެލްގެ. ދެލައްކަ ފަސްދޮޅަސްހާހަށް ވުރެ ގިނަ ކަސްޓަމަރުން އަޅުގަނޑުމެންގެ އެބަތިބި. ބީއެމްއެލް މެދުވެރިކޮށް ހަދާ ކޮންމެ ދިހަ ޓްރާންސެކްޝަނަކުން އެއް ޓްރާންސެކްޝަނަކީ ޑިޖިޓަލް ޓްރާންސެކްޝަން،" ޝަރީފް ވިދާޅުވީ ޓެކްނޮލަޖީގެ އެހީގައި ބޭންކިން ކުރިއެރުވުމަށް ކުރާ މަަސައްކަތުގެ ދަށުން ބޮޑު ކުރިއެރުމެެއް ލިބިފައިވާ ކަމަށެވެ. ބޭންކުގެ ކަސްޓަމަރުން އިންޓަނެޓް އަދި މޯބައިލް ބޭންކިން ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މި ކޮންފަރެންސްގައި އޭޝިއާގެ ގައުމުތަކުގެ ބޭންކިންގެ ދާއިރާ އަށާއި ފައިނޭންސިންގެ ދާއިރާ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކުރިއަށް ދެވޭނެ މަގުތަކާ ގުޅޭ ގޮތުން މެންބަރު ގައުމުތަކުން ދަނީ ޕްރެޒެންޓޭޝަންތައް ހުށަހަޅަމުންނެވެ.