މި މަހުގެ 17 ވަނަ ދުވަހު އޮންނަ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގެ މަންދޫބަކު ފޮނުވަން ނިންމައިފި އެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައ ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން ހުއާ ޗުންޔިން ވިދާޅުވީ، އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ޝީ ޖިންޕިންގެ މަންދޫބެއްގެ ގޮތުގައި ރާއްޖެ ވަޑައިގަންނަވާނީ އެގައުމުގެ މިނިސްޓާ އޮފް ކަލްޗާ އެންޑް ޓުއަރިޒަމް ލުއޯ ޝޫގަންގ ކަމަށެވެ.

ލުއޯ ޝޫގަން ރާއްޖެ ވަޑައިގަންނަވާނީ މިއަދު އެވެ. މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އޭނާ މާލޭގައި މަޑު ކުރައްވާނެ އެވެ.

އިބޫގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ޗައިނާގެ ޝީ ޖިންޕިންގެ މަންދޫބެއް ފޮނުވަން ނިންމާފައިވާ އިރު، އިންޑިއާއިން އެ ރަސްމިއްޔާތަށް ވަޑައިގަންނަވާނީ އެ ގައުމުގެ ރައީސް ނަރެންދްރަ މޯދީ އެވެ. އެމަނިކުފާނު ވަޑައިގަންނަވާނީ ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނަ ދުވަހު އެވެ.

ރައީސް ޔާމީންގެ ދައުރުގެ ތެރޭގައި ރާއްޖެ އާއި ޗައިނާއާ ދެމެދުގައި ގުޅުން ބަދަހިވި އިރު އިންޑިއާ ދެމެދު އޮތް ގުޅުން ވަނީ ހީނަރު ވެފަ އެވެ. އެހެން ނަމަވެސް، އިބޫ ހުވާ ކުރުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގަތުމަކީ އެ ގުޅުން ރަނގަޅުވާނެ ކަމުގެ ނިޝާނެއް ކަމަށް މާހިރުން ބުނެ އެވެ،

ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާނީ ގަލޮޅު ދަނޑުގަ އެވެ. އެ ރަސްމިއްޔާތަށް ބޭރުގެ ލީޑަރުންނާއި އިސް ޑެލެގޭޓުން ބައިވެރިވާ އިރު އެ ރަސްމިއްޔާތުގެ ސެކިއުރިޓީ ވަރުގަދަ ކުރަން ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ.