15 Nov 2018, 11:05
ކުރިއްސުރެ ފެށިގެން ސަރުކާރުގެ ބަޖެޓުން ދެމުން އަންނަ އަންފަންޑެޑް ޕެންޝަން ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައަކަށް ވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ފެށޭ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އަންފަންޑެޑް ޕެންޝަންގެ ގޮތުގައި 200 މިލިއަން ރުފިޔާ ވަނީ ޖަހައިފަ އެވެ. އަދި 2050 ވަނަ އަހަރު އަންނަ އިރު އެ އަދަދު ތިން ބިލިއަނަށް އަރާނެ ކަން ފާހަގަ ކުރައްވައި މިނިސްޓަރު މުނައްވަރު ވިދާޅުވީ އެއީ ކޮންޓްރޯލް ކުރަންޖެހޭ ކަމެއް ކަމަށެވެ.
އިއްޔެ ބޭއްވި ބަޖެޓް ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މުނައްވަރު ވިދާޅުވީ 65 އަހަރުވެގެން ރިޓަޔާ ކުރީމަ ދޭ ޕެންޝަނުގެ އިތުރުން ވެސް އިތުރު އަންފަންޑެޑް ޕެންޝަންތަކެއް ދައުލަތުން އެބަ ދޭން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުންދާއިރު ސޭވްކުރަނީ ނޫންތޯ އަޅުގަނޑުމެންގެ ހަތް ޕަސެންޓް މިދެނީ ނޫންތޯ. މި ޕެންޝަނުގެ ބޭރުން ވަކި ވަކި މުއައްސަސާތަކުން އެބަ ލިބޭ ގަނޑުކޮށް އެބޭފުޅުން ރިޓަޔާ ކުރީމަ ލިބޭ ޕެންޝަންތަކެއް އެބަހުރި." މުނައްވަރު ވިދާޅުވި އެވެ.

ސަރުކާރުގެ އޮފީސްތައް ހިންގާ ވެލާނާގެ --- ސަން ފޮޓޯ/ އަހްމަދު މުޖުތަބާ
މުސާރައިން ހަތް ޕަސެންޓް ރައްކާކޮށްގެން ދޭ ޕެންޝަނަކީ މައްސަލައެއް ނޫންކަން މުނައްވަރު ފާހަގަކުރެއްވި އެވެ. އެކަމަކު ވަޒީފާއިން ރިޓަޔާ ކުރީމާ ގަނޑުކޮށް އެ ދޭ ފައިސާ އަކީ ކޮންމެ އަހަރަކު އިތުރުވަމުން އިތުރުވަމުންދާ ދައުލަތުގެ ބަޖެޓުން ދޭން ޖެހޭ ފައިސާ ކަމަށް ވިދާޅުވި އެވެ.
މިހާރު ހުންނަ ނިޒާމުތަކުން ބަލާ އިރު ބައެއް ބޭފުޅުންނަށް ޑަބަލް ޕެންޝަން އަނެއްބައި ބޭފުޅުންނަށް ޓްރިޕްލް ޕެންޝަން ލިބޭ ކަމަށް މުނައްވަރު ވިދާޅުވި އެވެ.
"މިފަދަ ހަރުދުތަކަށް މިކިޔަނީ އަންފަންޑެޑް. ވާހަކައަކީ އެއަކަށް ނެތް އެބޭފުޅުން ފައިސާ ރައްކާކޮށްފައެއް." މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ ފައިސާ ރައްކާ ނުކުރެވުނީ ކުއްލިއަކަށް ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުން އެބޭފުޅުންނަށް ފައިސާދޭން ޖެހޭތީ ކަމަށެވެ.
މުނައްވަރު ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނަށް މުސާރަދޭ އިރު ވަރަށް ގިނަ ނަން ނަމުގައި އެލަވަންސްތައް ހުރި ކަމަށެވެ. އެ އެލަވަންސްތައް އުސޫލެއްގެ ދަށުން މިންގަނޑެއް ކަނޑައަޅަން ޖެހޭ ކަމަށް މުނައްވަރު ވިދާޅުވި އެވެ.
"މިސާލަކަށް ފިކްސްޑް އެލަވަންސްތަކަކާއި މިނިމަމް އެލަވަންސްތަކެއް. އަޅުގަނޑުމެން މިސާލަކަށް މުޅި ޖުމްލަ މުސާރަ ބޮޑުކުރީމަ ވާގޮތަކީ އެއާ އެއްކޮށް ސަރުކާރުން ވަރަށް ބޮޑު ހޭދައެއް އެބަ ކުރަން ޖެހޭ ޕެންޝަނަށް ވެސް." މުނައްވަރު ވިދާޅުވި އެވެ.
އެހެންވީމާ ޑަބަލް ޕެންޝަން ނުވަތަ އަންފަންޑެޑް ޕެންޝަން ކޮންޓްރޯލްވެގެން އަންނާނެ ގޮތަކަށް ހައްލުތަކެއް ހޯދަން ޖެހޭ ކަމަށް މުނައްވަރު ވިދާޅުވި އެވެ.
"ޑަބަލް ޕެންޝަން ލިބޭ އިރު ޕެންޝަން ލިބޭ ފަރާތްތަކަށް ގަނޑުކޮށް މި ދޭން ޖެހެނީ ވެސް. ދޭއިރު އަޅުގަނޑުމެންގެ ފިނޭންސް މިނިސްޓްރީގެ ކޭޝް ފްލޯ މެނޭޖް ކުރުމަށް ދަތިވޭ. ހަމަ އެގޮތަށް މިއީ ޕެންޝަން އާންމުކޮށްދޭ ގޮތާ ހިލާފަށް ކުރަމުންދާ ކަމެއް." މުނައްވަރު ވިދާޅުވި އެވެ.
އެކަން ހައްލު ކުރެވޭނީ މަޖިލީޙުގެ ތެރޭން ގާނޫނުތަކަށް ބަދަލުގެނެސްގެން ކަމަށް މުނައްވަރު ވިދާޅުވި އެވެ.
ދެހާސް ނަވާރަ ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ވަޒީފާ އިން މުސްކުޅި ކުރައްވާ ފަރާތްތަކަށް ދޭ އިނާޔަތު ފައިސާގެ ގޮތުގައި 32،400،000 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. އަދި ވަޒީފާއިން މުސްކުޅި ކުރައްވާ ފަރާތްތަކަށް މަހުން މަހަށް ދޭ ފައިސާގެ ގޮތުގައި 184،800،000 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.
އޭގެ އިތުރުން ދައުލަތުން ވަކި ހިދުމަތެއް ނޫންގޮތަކަށް ދޭ ފައިސާގެ ގޮތުގައި 527،600،000 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.